ކްލަބު މޯލްޑިވްސް ކަޕް

ވެމްކޯ އިން މޯލްޑިވިއަން ބަލިކޮށްފި

ކްލަބު މޯލްޑިވްސް ކަޕްގައި ކްލަބު ވެމްކޯ އިން އެންމެ ފަހުގެ ރަނަރަޕް މޯލްޑިވިއަން ބަލިކޮށްފިއެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި މޯލްޑިވިއަން އަތުން ވެމްކޯ މޮޅުވެފައިވަނީ 4-3ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ވެމްކޯ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އަބްދުﷲ ޝައްފާން (ޝާކާ) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ. އަދި މޯލްޑިވިއަން އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ވާޒިއު އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އިއްޔެ ހަވީރު ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި ޓްރޭޑް ކްލަބުން ވަނީ 4-2ގެ ނަތީޖާއަކުން މީޑިއާނެޓް ބަލިކޮށްފައެވެ.

އެ މެޗުގައި ޓްރާޑް ކަލްބުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ޖުމައިލް ޖަމީލް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަލީ ޝަރީފް (އައްޔަ) ލަނޑެއް ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ މީޑިއާނެޓްގެ އަލީ ޝަމާލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި މީޑިއާނެޓުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނައީމާއި މުހައްމަދު ފާރިޝް އާދަމެވެ.

އިއްޔެ ހަވީރު ޓީމް ފެނަކަ އާއި އެމްއެމްއޭ ސޯޝަލް ކްލަބު ކުޅުނު 'ގްރޫޕު ސީ'ގެ މެޗު ނިމިގެންދިޔައީ 4-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްއެމްއޭ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ޔަފާއު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސިމާހާއި މުހައްމަދު މުބީނެވެ.

އެ މެޗުގައި ޓީމް ފެނަކަ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޔަޝްފާދު ހަބީބު (މުލަކޭ) ކާމިޔާބުކޮށްދިން އިރު، ހުސައިން ނާޝިދު ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ އެމްއެމްއޭގެ މުހައްމަދު މޫމިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިއްޔެ ހަވީރު ކުޅުނު 'ގްރޫޕު ޑީ'ގެ މެޗުގައި ޓީމް އެފްއެސްއެމް ވަނީ 4-1ގެ ނަތީޖާއަކުން އެލައިޑް ބަލިކޮށްފައެވެ. އެ މެޗުގައި އެފްއެސްއެމް އިން ޖެހި ހަތަރު ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިރުފާދެވެ. އަދި އެލައިޑުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފް އެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.