ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އަށް 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފއެވެ.
އެމްއާރުއެމްގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުލްއަލީމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ތިން ހާސް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދު ކަނޑައިލީ މަޖިލިސް އިންތިހާބާ ގުޅިގެން ކަމަށެވެ. އަދި އިންތިހާބު ނިމުމުން މިހާރު މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ހުރި ފޯމުތައް އަންނަ ހަފްތާތެރޭގައި ލިބޭނެ ކަމަށާއި ގާތްގަނޑަކަށް 2000 ފޯމަށްވުރެ އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ރަށްރަށުން ގެންނަ ފޯމުތަކާއި އަދި މިހާތަނަށް ލިބިފައި ހުރި 1000 ފޯމާއެކު ޕާޓީ ރަޖިސްޓްރީ ކުރެވޭ އަދަދަށް މެންބަރުން ހަމަވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މެންބަރުންގެ އަދަދު ހަމަވުމާއެކު ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
އަލީމް ވިދާޅުވީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ، އަދި އިންސާފަށް ލޯބި ކުރައްވާ އަތޮޅުތަކުގެ ރައްޔިތުން ވެސް އެމްއާރްއެމަށް ސޮއި ކުރެއްވުމަށް އެދެމުންދާކަން މަޖިލިސް އިންތިހާބުގައި އެނގިފައިވާ ކަމަށެވެ.