ޕޮލިސް

ޓްރެފިކްގެ ބޮޑެތި ތިން މައްސަލައެއްގައި ތިން މީހަކާ މެދު ފިޔަވަޅު އަޅައިފި

ޓްރެފިކްގެ ބޮޑެތި ތިން މައްސަލައަކާ ގުޅިގެން ތިން މީހެއްގެ މައްޗަށް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން މިއަދު ބުނީ އެތިން މައްސަލައަކީ ފުލުހުންނަށް ހުށަހެޅި، ތަހުގީގުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ތިން މައްސަލަ ކަމަށެވެ.

ފުލުހުން ބުނީ ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވި ފަރާތަށް ފިޔަވަޅަ އަޅާފައި ކަމަށެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން އޭނާގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާޗް މަހުގެ 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓްގައި ވޭން ދުއްވަން އިން މީހާ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން އޭނާގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މިމަހުގެ ދެވަނަ ދުވަހު ކުޑަކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން ދުއްވި ފުލުސް މީހާގެ ލައިސަންސް ވެސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން އެއް އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެކުރިން ވަނީ މާލޭގެ ސެނަހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޓެކްސީ ޑްރައިވަރާ މެދުވެސް ފިޔަވަޅު އަޅައިފައެވެ.

އެގޮތުން އޭނާގެ ލައިސަންސް ހިފަހައްޓައި ޓެކްސީ ކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފައެވެ.