އިބްރާހިމް ޒަކީ
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެއްވެސް ދާއިރާއެއްގެ އިންތިހާބެއް ބާތިލް ކުރާނެ ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބުނާ އޯޑިއޯއެއް ލީކްވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އެއްވެސް ދާއިރާއެއްގެ އިންތިހާބެއް ބާތިލް ކުރާނެ ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ،" ކަމަށެވެ.
ބ. ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމާބެހޭގޮތުން ދެމީހަކު ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާއިރު، އެ އޯޑިއޯގައި ވާހަކަ ދައްކާ އެކަކު ބުނެފައިވަނީ، އެ ގޮނޑި ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށެވެ.
މި އޯޑިއޯގައި، ވަކީލެއްކަމަށް ބެލެވޭ މީހަކު ކައިރީގައި އެހެން މީހަކު ބުނާ ގޮތުން އޭނާ އަތުގައި ޕީޕީއެމުން ދިން ސިޓީ އާއި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް ދިން ސިޓީގެ ޖަވާބެއް އަބައޮތެވެ. އަދި އިލެކްޝަނުން ދިން ސިޓީގެ ޖަވާބުގައި އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ނަމަ ސުޕްރީމް ކޯޓަށް ދިއުމަށް އަންގާފައިވާ ކަމަށް އެމީހާ ބުނެއެވެ. އެމީހާގެ ވާހަކައާ ގުޅިގެން ވަކީލު ބުނެފައިވަނީ އެ މައްސަލަ އަދި ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް މައްސަލަ ނިމޭނެ ގޮތް ނޭނގޭ ކަމަށެވެ.
ނަމަވެސް އެމީހާ ބުނެފައި ވަނީ އެއީ ގެރެންޓީ އެއްޗެއް ކަމަށާއި އެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ވަކީލު މާ ގިނަ އަޑުއެހެންތަކަށް ދާން ނުޖެހޭނެކަން ފާހަގަކޮށް އެމީހާ ބުނެފައިވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރޭނެ ކަމަށެވެ. އަދި އެ މައްސަލާގައި މާބޮޑު ވަކާލާތު ކުރުންތަކެއް ނޯންނާނެ ކަމަށް ވެސް އެމީހާ އޯޑިއޯގައި ވަކީލު ކައިރީ ބުނެފައިވެއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ގާނޫނީ ވަކީލު ހިސާން ހުސައިނެވެ. އިންތިހާބުގައި ހިސާނަށް 1521 ވޯޓް ލިބިވަޑައިގެންފައިވާއިރު އެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި ކެންޑިޑޭޓް މުހައްމަދު އަތީފަށް ލިބިވަޑައިގެންފައިވަނީ 796 ވޯޓެވެ.