ބޭރުގެ މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ކަޑައަޅާފައިވާ ބައި ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ގައުމީސަލާމަތު ކޮމިޓީން ދިރާސާކުރުމަށްފަހު ގާނޫނުއަސާސީގައި ހިމަނައިފައިވާ އެ މާއްދާ އުނި ކުރުމަށް ޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ވަނީ އެޖެންޑާ ކޮށްފައެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އެވެ.
ބޮޗޭ ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް، އެއްވެސް ހާލަތެއްގައި ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 15 ވަނަ ބާބު އުނި ކުރުމަށާއި އަދި ދިވެހި ރާއްޖޭގެ އެއްވެސްބައެއް ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ހާލަތެއްގައި ވަކި މުއްދަތެއް ނެތި ކުއްޔަށް ދިނުމަށް އޮންނަ އޮތުން ގާނޫނުއަސާސީން އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އިސްލާހު ކުރުމަށް ހުށަހެޅުއްވީ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބުނެފައިވަނިކޮށް، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭނެ ކަމަށް ހިމަނައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިސްލާހު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 22 ޖުލައި 2015ގައެވެ.
ގާނޫނުއަސާސީން އެބައި އުނިކުރަށް މިހާރު ހުށަހަޅުއްވާފައިވާ މެންބަރު ރިފާއުއަކީ އޭރު އެއިސްލާހު ގެނައުމަށް ވެސް މަސައްކަތް ކުރެއްވި މެންބަރެކެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސަރުކާރުން އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނުގެ ދަށުން ބޭރު މީހުންނަށް ބިން މިލްކުރެވޭ ގޮތަށް ހަދަން ކުރި މަސައްކަތުގެ ދަށުންނެވެ.
ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅިނަމަވެސް، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި ވޯޓު ބޭނުންވެއެވެ. އެއީ މިހާރު ހިނގަމުން އަންނަ 18 ވަނަ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓެވެ. އެހެންކަމުން މާދަމާ ބާއްވާ މަޖިލިސް ޖަލްސާއިން މި އިސްލާހު ފާސްވުމާމެދު ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.