ރައްޔިތުންގެ މަޖިލިސް

ބާރަ ބިލަކާއި 100 އޮޑިޓް ރިޕޯޓެއް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އިބްރާހިމް ޒަކީ

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމު ބިލާއެކު 12 ބިލަކާއި 100 އޮޑިޓް ރިޕޯޓެއް ދިރާސާކުރިކަމުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާއަކީ ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ދެ މައްސަލައެއް ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ސީއެންއެސް ރާއްޖެއިން ތަސްދީގު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރެއްވުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

މާދަމާގެ ޖަލްސާގައި 12 ބިލެއް މަޖިލީހަށް ތައާރަފް ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެ 12 ބިލްތަކުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް ހިމެނެއެވެ.

އަދި ސަރުކާރުގެ ފަރާތުން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލް ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޤާލީ ޢަދާލަތުގެ ބިލާއި، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލު ވެސް ހިމެނެއެވެ.

އެޖެންޑާގެ ހަވަނަ ނަމްބަރުގެ ދަށުުން މަޖިލިހަށް ތައާރަފް ކުރުމަށް އެޖެންޑާ ކޮށްފައިވާ، ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެޖެންޑާކޮށްފައިވާ ބިލު ތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިސްލާހު ގެނައުމުގެ ބިލާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުންވެސް މާދަމާގެ ޖަލްސާއަށް ވަނީ އެހެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހެޅި ގިނަ ކަންތައްތަކެއްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އޭގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުމަށް އެޖެންޑާ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 6ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހެޅުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އެގޮތުން ބައެއް ސިޔާސީ ޕާޓީތަކާއި މިނިސްޓްރީ ތަކާއި ބައެއް ކައުންސިލްތަކާއި ކުންފުނިތަކާއި ކޮމިޝަން ތަކުގެ 89 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓް ދިރާސާކުރިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމި ފުރަމަ ދައުރުގެ ޗުއްޓީއަށް މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލާނެއެވެ. އެއަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއަކަށްފަހު ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަލަށް އިންތިހާބުވި 19ވަނަ ރައްޔިތުންގެ މަޖިލީހާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރުމަށް ހަމަޖެހިފައިވަނި، އަންނަ މެއި މަހުުގެ 28 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަކީ އެ މަޖިީހުގެ އެންމެ ފަހު ޖަލްސާ ނޫން ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.