މިނިސްޓަރު އިމްރާން އަބްދުﷲ

ދީނުގެ ހިމާޔަތުގައި ކުރަންޖެހޭކަމަކީ ހަމައެކަނި ހަނގުރާމަކުރުމެއް ނޫން: ހޯމް މިނިސްޓަރު

އިސްލާމްދީނާއި ދިވެހި ގައުމަށް ހިދުމަތްކުރުމުގެ ހަމައެކަނި މަގަކީ ހަނގުރާމަވެރިކަން ކަމުގައި ދެކުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ގައުމުތައް އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުން ދާހިނދު، މިން ކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީ ބާރުތަކެއް ނޫން ކަމަށެވެ.

ތަފާތު އިގުތިސޯދީ ބާރުތަކާއި އެހެނިހެން ވަސީލަތްތަކުން ވާދަކުރަމުން ދާހިނދު އަޅުގަނޑުމެން އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރުމާ މެދު ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ މުނާސަބާއެއް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭ ހަނދާން އާކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމާއި ވަތަނަށް ޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ދައުރަކީ ކޮބައިތޯ. ކޮންމެ މީހަކު އެމީހެއްގެ ގައުމީގޮތުން ނަގަން ޖެހޭ ޒިންމާއަކީ ކޮބައިތޯ ވިސްނައި ފިކުރުކޮށްލަންޖެހޭ"

މިނިސްޓަރު އިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ ގައުމަށްޓަކައި އަޅުގަނޑުމެން ތެދުވަންޖެހޭ ކިތަންމެ މައިދާންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ޝަހީދުންގެ އެންމެ އިއްޒަތްތެރި ހަމްޒަތު ބުނު އަބުދުލް މުއްތަލިބާއި މިރޭ މިފާހަގަކުރެވޭ އަލިރަސްގެފާނު ފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށެވެ. އެބޭފުޅުން ފަދަ ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުރިބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އެބޭފުޅުން ފަދަ އިލްމީ ގާބިލު ބަޔަކަށްވެސް އަޅުގަނޑުމެން ވާން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ މަތިވެރި އަހުލާގީ ސިފަތަކުން އަޅުގަނޑުމެން ސިފަ ލިބިގަންނަން ޖެހޭ ކަމަށާއި، ގައުމަށާއި ދީނަށް ހިދުމަތްކުރެވޭނީ އެބައެއްގެ ކިބައިގައި ހުންނަ ރިވެތި ސިފަތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.