މުނިފޫހިފިލުވުން

ހާތްތެރީގެ އެކްސްކްލޫސިވް ސްޓްރީމިން ޕާޓްނަރަކަށް ހާފްކޯޓް

އަހުމަދު ޖައިޝަން

ކުރިއަށް ގިނަ ޕްރޮޖެކްޓްތަކެއް ރާވައި އައިޑިއުކްސް އިންކްގެ ''ހާތްތެރި'' ވެބް ސީރީޒްގެ އެކްސްލޫސިވް ސްޓްރީމިން ޕާޓްނަރަކަށް ހާފްކޯޓް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ހާތްތެރިގެ ސްޓްރީމިން ޕާޓްނަރަކަށް ހާފް ކޯޓް ހަމަޖައްސާފައިވަނީ ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން އައިޑިއުކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައުންޑާ އަދި ސީއީއޯ މުހައްމަދު ނަޖްވާން އެވެ. އަދި ހާފް ކޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްްވީ ފައުންޑާ އަހުމަދު އަދުހަމް އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނަޖްވާން ވިދާޅުވީ އެއްބަސްވުމާއެކު ހާތްތެރި ފޭސްބުކް އަދި އެހެން ޕްލެޓްފޯމުގައި ވެސް ލައިވްކުރުމުގެ މަސައްކަތް ކުރާނީ ހާފް ކޯޓުގެ ފަރާތުން ކަމަށެވެ.

އެ ޕާޓްނާޝިޕްގެ ދަށުން އުފެއްދުންތެރި ޒުވާނުންނަށް ބާރުއަޅައި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''ހާތްތެރި'' ވެބް ސީރީޒްގެ ސީކުއަލެއް ގޮތަށް ''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން''ގެ ނަމުގައި ޓޯކް ޝޯއެއް ފެށުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ޝޯ ކުރިއަށްދާނީ ލައިވްކޮށް ކަމަށާއި އެ މަސައްކަތުގައި ހާފް ކޯޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޓޯކް ޝޯއަކީ ބެލުންތެރީން ގަޔާވާނެކަހަލަ، ހާތްތެރި އެޕިސޯޑް ތަކުގެ ''ބިހައިންޑް ދަ ސީން'' އަދި ބެލުންތެރިންނަށް ނުފެންނަ ކްލިޕްސްތަކާއި އައިޑިއުކްސް އިންކް ގެ އާ ޝޯ ތަކުގެ އަޕްޑޭޓްސް އަދި ޓްރެއިލާ ގެނެސްދޭނެ ޕްލެޓްފޯމެއް ކަމަށް ވެސް ނަޖްވާން ވިދާޅުވިއެވެ.

ތިރީސް މިނެޓުގެ ދިގުމިނަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން'' ޓޯކްޝޯގެ އެޕިސޯޑްތަކުގައި ހާއްސަ މެހެމާނުން ބައިވެރިކުރާނެ ކަމަށް ވެސް ނަޖުވާން މައުލޫމާތު ދިނެވެ.