އޭޑީކޭ ހޮސްޕިޓަލް

އަވަސް ފަރުވާ ދޭން އޭޑީކޭއިން ސައިކަލް ބޭނުންކުރަނީ

އަވަސް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ސައިކަލުގެ ހިދުމަތް ދޭން ނިންމައިފިއެވެ.

އަވަސް ފަރުވާ ދިނުމަށް ބަލި މީހާ އޮތް ތަނަކަށް ސިއްހީ ހިދުމަތް ދިނުމަށް ތަމްރީނުކުރެވިފައިވާ މީހަކު ދިއުމަށް އޭޑީކޭއިން ސައިކަލް ބޭނުން ކުރަން ނިންމިކަން އިއުލާންކޮށްފައިވަނީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް އިއްޔެ ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތެއްގައެވެ. މިހަރަކާތުގައި ސައިކަލުތައް ވަނީ ދައްކާލައިފައެވެ.

މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މިހިދުމަތް ފެށުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތަކުގައި ފަރުވާ ދިނުން އަވަސްވެގެން ދިއުމާއި ވަގުތު ސަލާމަތްކުރެވި ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

އަދި އެކަމަށް ބޭނުންކުރާނީ ކަމަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ މީހުންކަމަށާއި ކުރިއަށް އޮތްތަނުގައި މިހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަވަސް ހިދުމަތް ދިނުމަށް ސައިކަލު ބޭނުން ކުރަން ފެށުމުން އެމްބިއުލެންސްގެ ހިދުމަތަށް އެދި އޭޑީކޭއަށް ގުޅުމުން ފުރަތަމަ ހާލަތު ވަޒަންކުރުމަށް އެއްކުރާ މައުލޫމާތާއެކު އެސަރަޙައްދަކަށް އެންމެ އަވަސް ހިދުމަތް ދިނުމަށް ޕެރަމެޑިކްސް ނުވަތަ އެކަމަށް ޓްރެއިން ކުރެވިފައިވާ މީހަކު ހާލަތާ އެކަށީގެންވާ ވަސީލަތާއެކު ދާނެކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.