އަބްދުﷲ ޖާބިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލެއް ނުކުރެވޭނެ، އެހުރީ އުމުރު ދުވަހަށް މަގާމު ދީފައި: ޖާބިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލެއް ނުކުރެވޭނެ ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުންނަށް މަގާމު ދީފައި އެހުރީ އުމުރު ދުވަހަށް ކަމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ޖާބިރަށް ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް، އޭނާއަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތް މެދުވެރިވީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓަށް ޖާބިރު މައްސަލަ ހުށަހެޅުމުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ އެ މީހަކަށް އެ އިންތިހާބުގައި އެހެން ހައިސިއްޔަތަކުން ވާދަނުކުރެވޭނެ ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި އޮތް މާއްދާ، ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓުގައި މިހާރު އެ ތިއްބެވީ އެންމެ ގާބީލު ފަނޑިޔާރުން ކަމަށާއި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.

"ރާއްޖޭގައި ނަޒާހަތްތެރި ފަނޑިޔާރުގެއެއް އުފެދެމުން އެދަނީ. މިހާރު ހުރި ފަނޑިޔާރު މަނިކުފާނަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް. ޓޮޕް ފަނޑިޔާރުން ރާއްޖޭގައި އެ ތިބީ. އޭގެން ބޭފުޅަކު ބަދަލެއް ނުކުރެވޭނެ. އެބޭފުޅުންނަށް އުމުރު ދުވަހަށް މަގާމު ދީފައި އެހުރީ. މިހާރު ތިއްބެވި ފަނޑިޔާރުންނަކީ އޭޝިއާ ރީޖަންގައި ވެސް، އަދި ވޯލްޑްވައިޑް ވެސް ޓޮޕް ފަނޑިޔާރުން. އެބޭފުޅުންނަކީ ވަރަށް އިލްމީ ބޭފުޅުން. ސަރުކާރުގެ އެހީތެރިކަން އެބޭފުޅުން ވެސް އެބަ ބޭނުންފުޅުވޭ ނޫންތޯ، ފަނޑިޔާރުގެ ރަނގަޅުކުރަން،" އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އޭނާ ވަރަށް ގާތް ވާނެ ކަމަށާއި އެއީ ވަރަށް ގަދަރުކުރާ ބޭފުޅުންތަކެއް ކަމަށެވެ. އަދި އެންމެންނާ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާތް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގާތް ބޭފުޅުން އެއީ. އަޅުގަނޑު ވަރަށް ގަދަރުކުރާ ބޭފުޅުން އެއީ. ކަމެއް ޖެހުނީމާ، މުސީބާތެއް ލައިގަތީމާ ދާން އޮންނަ ތަން އެއީ. ދިވެހިރާއްޖޭގެ އެންމެންނާ ވެސް ގާތްވާނެ، އެންމެ މީހަކާ ނޫން. އަޅުގަނޑު ދިޔައީ ގާނޫނުއަސާސީގައި އޮތް އެއްޗެއް ހިފައިގެން. އެހެންވީމާ ކާމިޔާބުވީ. ގާތްކަމުން ހުކުމެއް ނާންނާނެ. ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ގާތް ވާން ޖެހޭނެ ފަނޑިޔާރުގެއާ،" އޭނާ ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ފަނޑިޔާރުންނަށް އޭނާ ރިޝްވަތު ދީފައެއް ނުވާނެ ކަމަށާއި ވައްކަން ކުރުމާއި ރިޝްވަތު ދިނުމަކީ އޭނާ ވަރަށް ނަފުރަތު ކުރާ ކަމެއް ކަމަށެވެ.