ކްލަބު މޯލްޑިވްސް ކަޕް 2019ގައި ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު އަލީ ވަހީދު ކުޅުއްވި ފުރަތަމަ މެޗުން ހަނި ތަފާތަކުން ޔޫތު މިނިސްޓްރީ ބަލިވެއްޖެއެވެ.
ރޭ ކުޅުނު 'ގްރޫޕު އީ'ގެ މެޗުގައި ޔޫތު މިނިސްޓްރީ އަތުން ފެހި ފަހި ކްލަބު މޮޅުވެފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމަށް އަލީ ވަހީދުގެ އިތުރުން ސްޓޭޓް މިނިސްޓަރު އަޝްއަދު އަލީ (އަޑުބަރޭ) ވެސް ކުޅުއްވިއެވެ.
އެ މެޗުގައި ފެހި ފަހި ކްލަބުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަހްމަދު ޝަމީމް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އީމާން އިސްމާއީލެވެ. އަދި ޔޫތު މިނިސްޓްރީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޔާސިރު ރަގީބާއި މުހައްމަދު ފައިސަލެވެ.
ރޭ ކުޅުނު 'ގްރޫޕު އެފް'ގެ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވަނީ 5-3ގެ ނަތީޖާއަކުން އެމްޓީސީސީ ބަލިކޮށްފައެވެ. އެ މެޗުގައި ކަސްޓަމްސް އިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ހަސަން އިމްރާން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަބްދުﷲ އާއި މުމްތާޒް އަބްދުލް ރަޝީދެވެ. މެޗުގައި އެމްޓީސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް މުނީޒާއި ހަސަން މިފްރާހް އަދި މުހައްމަދު ސަމޫހު އަންވަރެވެ.
ފެން ކްލަބާއި ސިވިލް ކޯޓު ރޭ ކުޅުނު 'ގްރޫޕު ޖީ'ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގައި ސިވިލް ކޯޓުން ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސިނާހެވެ. އަދި ފެން ކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އާތިފާއި ނަސޫހު ސައީދެވެ.
ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި ޕޮލިސް ކްލަބުން ވަނީ 2-4ގެ ނަތީޖާއަކުން ދިރާގު ބަލިކޮށްފައެވެ. މެޗުގައި ޕޮލިސް ކްލަބުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލީއާއި އަލީ އަޒުހަރާއި ނިޝާދު އަލީ އަދި މުހައްމަދު ޝިފާނެވެ. އަދި ދިރާގުން ކާމިޔާބުކުރި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަބޫބަކުރާއި އިބްރާހީމް އަތީގު ހަސަނެވެ.
އެ މުބާރާތުގައި މިއަދު ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި މޯލްޑިވިއަންއާ ދެކޮޅަށް ކްލަބު ވެމްކޯ ނުކުންނަ އިރު، ހަމަ އެގަޑީގައި ޓްރޭޑް ކްލަބާ ދެކޮޅަށް މީޑިއާނެޓް ނުކުންނާނެއެވެ. އަދި މިއަދު ހަވީރު 5:10ގައި ޓީމް ފެނަކައާ ދެކޮޅަށް އެމްއެމްއޭ ނުކުންނަ އިރު، ހަމަ އެގަޑީގައި އެލައިޑްއާ ދެކޮޅަށް ޓީމް އެފްއެސްއެމް ނުކުންނާނެއެވެ.
އެ މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތަކެއް ވެސް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި ޓީމް ފެނަކައާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނަ އިރު، ހަމަ އެގަޑީގައި ޓްރޭޑް ކްލަބާ ދެކޮޅަށް ފެން ކްލަބު ނުކުންނާއެވެ. އަދި މިރޭ 9:30ގައި އެމްޕީއެލްއާ ދެކޮޅަށް ކްލަބު ވެމްކޯ ނުކުންނަ އިރު، ހަމަ އެގަޑީގައި ސިފައިން ނުކުންނަން ޖެހޭނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.