ކްލަބު މޯލްޑިވްސް ކަޕް

އެސްޓީއޯ އާއި އެމްޕީއެލްގެ މެޗުން ހަމަހަމަ ނިމުމެއް

ކްލަބު މޯލްޑިވްސް ކަޕްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އިއްޔެ ހަވީރު އެސްޓީއޯ އާއި އެމްޕީއެލް ބައްދަލުކުރި 'ގްރޫޕު ސީ'ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެސްޓީއޯ އާއި އެމްޕީއެލްއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ދެ ޓީމެވެ. އެސްޓީއޯ އިން ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، އެމްޕީއެލް އިން ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި އެމްޕީއެލްގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އާއިޒް ހަމީދެވެ. އަދި އެސްޓީއޯގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާނާއި އިސްމާއިލް އީސާ (މެސީ) އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު އަނެއް މެޗުގައި ކްލަބު އިމިގްރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީ ބައްދަލުކުރި 'ގްރޫޕު ޑީ'ގެ މެޗު ނިމިގެންދިޔައީ 3-3ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގައި އިމިގްރޭޝަނުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ ހައިޝަމް (ޗުމްޕު) ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ވިސާމް (ޖެރާޑް) އެވެ. އަދި އޭވިއޭޝަން ސެކިއުރިޓީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ނަސީފް ހަސަން ސައީދު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގެވެ.

އެ މުބާރާތުގައި މިއަދު ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި މޯލްޑިވިއަންއާ ދެކޮޅަށް ކްލަބު ވެމްކޯ ނުކުންނަ އިރު، ހަމަ އެގަޑީގައި ޓްރޭޑް ކްލަބާ ދެކޮޅަށް މީޑިއާނެޓް ނުކުންނާނެއެވެ. އަދި މިއަދު ހަވީރު 5:10ގައި ޓީމް ފެނަކައާ ދެކޮޅަށް އެމްއެމްއޭ ނުކުންނަ އިރު، ހަމަ އެގަޑީގައި އެލައިޑްއާ ދެކޮޅަށް ޓީމް އެފްއެސްއެމް ނުކުންނާނެއެވެ.

އެ މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތަކެއް ވެސް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި ޓީމް ފެނަކައާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނަ އިރު، ހަމަ އެގަޑީގައި ޓްރޭޑް ކްލަބާ ދެކޮޅަށް ފެން ކްލަބު ނުކުންނާއެވެ. އަދި މިރޭ 9:30ގައި އެމްޕީއެލްއާ ދެކޮޅަށް ކްލަބު ވެމްކޯ ނުކުންނަ އިރު، ހަމަ އެގަޑީގައި ސިފައިން ނުކުންނަން ޖެހޭނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.