ފެއިލްވެފައިވާ ޕާޓީތަކުގެ ވަޒީރުން އިސްތިއުފާދެއްވުން ބުއްދިވެރި ކަމަށް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕާޓީތަކުގެ ވަޒީރުންނަށް އޮތީ އެމްޑީޕީއަށް ސޮއިކުރުން ނުވަތަ އިސްތިއުފާ ދިނުން ކަމަށާއި އެ ވަޒީރުން ކަމުނުދާ ވާހަކަ ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ.
އެބޭފުޅުން މަގާމުތައް ހޯއްދެވީ އާރާއި ބާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަހީނުކޮށް ބަހައްޓައިގެން ކަމަށާއި ނަމަވެސް މިހާރު ރައީސް ސޯލިހަކީ މިނިވަނެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ވަޒީރުކަން ދެއްވި ދުވަހުވެސް އަޅުގަނޑު ދެންނެވިން ކަމަކު ނުދެއޭ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ދެންނެވިން. ރައީސް ނަޝީދަށް ވެސް ދެންނެވިން ކަމަކު ނުދެއޭ. ހުރިހާ އެންމެންނަށް ދެންނެވިން ކަމަކު ނުދެއޭ. ޝެއިޚް އިމްރާނަށް ވެސް ދެންނެވިން ކަމަކު ނުދެއޭ. ގާސިމް އިބްރާހީމަށް ވެސް ދެންނެވިން ކަމަކު ނުދެއޭ،" އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރުކަމުން ދުރުކުރާނެ ކަމަށާއި ބުއްދިވެރި ގޮތަކީ އަމިއްލައަށް އިމްރާން އިސްތިއުފާދެއްވުން ކަމަށެވެ.
"ޝެއިޚް އިމްރާން ދައްކަން އުޅުނު މަންޒަރު ރައްޔިތުން މިހާރު ގަބޫލެއް ނުކުރޭ. އެކަން ވަރަށް ސާފުވާނެ، އަނާރާ ވެސް ނުހޮވުނު. ޝެއިޚް އިމްރާން މަގާމުން ދުރުކުރާނެ. އަޅުގަނޑު މި ދަންނަވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާށޭ. ކުރިން މަގާމުން އިސްތިއުފާ ދެއްވުން ބުއްދިވެރިއޭ. އޭނާ އެ މަގާމަށް ފިޓެއް ނޫނޭ. ޒާތީ އެއްވެސް ކަމެއް އަޅުގަނޑުގެ އޮތީއެއް ނޫން. ޝެއިޚް އިމްރާނަކީ އަޅުގަނޑު ވަރަށް ގަދަރުކުރާ ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އިމްރާނަކީ ޝެއިޙެއް ކަމަށްވަންޏާ މުދިމު ކަމަށް ރަނގަޅުވާނެ ކަމަށާއި އިމްރާނަކީ ޕާޓީ ހިންގަން ވެސް ގާބިލު މީހެއް ނޫން ކަމަށެވެ. އަދި ޖަލުން މިނިވަންކޮށްދިން މީހުންނަށް އިމްރާން އިހުތިރާމު ނުކުރާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
"މާ ރީއްޗަށް ޅެން ކިޔާ މީހުންނަކީ އެއީ ޅެންވެރިޔާގެ ބަނޑުގައި އެ މާނަ އޮންނަނީ މީހުން ބުނެ އުޅޭ. ޝެއިޚް އިމްރާނަކީ ސީދާ ފެއިލް ވެފައި ހުރި މީހެއް. އޭނާ ޖަލުން މިނިވަންކޮށްދިނީ އަޅުގަނޑު. އޭނާ އިހުތިރާމް ނުކުރީ އަޅުގަނޑަށް ވެސް، އޭނާ ޖަލުން މިނިވަންކުރި މީހުންނަށް ވެސް. ރައްޔިތުންނަށް އޭނާ ދޯކާ ދީފައި އެހުރީ." އޭނާ ވިދާޅުވިއެވެ.