އަބްދުﷲ ޖާބިރު

މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރުކަމާއި ޕާޓީގެ ޗެއާޕާސަންކަން ވެސް ބޭނުން: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަން އަދި އެޕާޓީގެ ޗެއާޕާސަންކަމުގެ މަގާމު ވެސް ބޭނުންވާ ކަމަށް ނިމިދިޔަ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ހޮވައިދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ މިފަހަރު އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރުކަމަށް ކުރިމަތިލާނެ މީހެއް. މަޖިލީހުގެ ރައީސްކަން އަދި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް އަޅުގަނޑު ބޭނުން. ތިން ކަމަށް ވެސް އަޅުގަނޑު އެދިގެންނޭ މިއިނީ. ތިން ކަން އެއްކޮށް އަޅުގަނޑު ބޭނުންވަނީ ވެސް،" އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕަކީ ވަރަށް ސީރިއަސް ބައެއް ކަމަށާއި އެ ޕާޓީގެ ޕީޖީ ގްރޫޕުން ޑިމޮކްރެޓިކް ޕްރޮސެސްއެއްގައި ނޫނިއްޔާ ނިންމުމެއް ނުނިންމާނެ ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގެ މެމްބަރުން ކައިރީ އާދޭހާއެކު މި ދަންނަވަނީ، މިފަހަރު އަޅުގަނޑުގެ ނަން އޮންނާނެއޭ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް. އަދި ރައީސް ނަޝީދަށް ވެސް ދަންނަވަން، އަޅުގަނޑު އެދެމޭ މަނިކުފާނުގެ ސަޕޯޓަށް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދަންނަވަން އެބޭފުޅާގެ ސަޕޯޓަށް ވެސް އެދެމޭ،" އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން މިނިވަންކޮށް، ރާއްޖޭގެ ވެރިކަމަށް ރައީސް ސޯލިހު ގެނައުމަށް 80 މިލިއަން ރުފިޔާ ހަރަދުކޮށް ބޮޑު ގުރުބާނީއެއް ވެފައިވާނެ ކަމަށާއި މަޖިލީހުގެ ރައީސްކަން ބޭނުންވަނީ ދައުލަތުގެ ބަޖެޓު ދިހަ ބިލިއަން ޑޮލަރަށް އެރުވުމަށް ކަމަށެވެ.