18/30 ވިމެންސް ފުޓްސަލް ފިއެސްޓާ

ފެން ކްލަބު ކޮޅަށް 18 ލަނޑު ޖަހައި، ސިފައިން ފެށުން ރަނގަޅުކޮށްފި

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ފެން ކްލަބު ކޮޅަށް 18 ލަނޑު ޖަހައި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި ފެން ކްލަބު އަތުން ސިފައިން މޮޅުވެފައިވަނީ 18-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ސިފައިން ކާމިޔާބުކުރި 18 ލަނޑުގެ ތެރެއިން މަރިޔަމް ރިފާ އަށް ލަނޑު ކާމިޔާބުކޮށްދިން އިރު، ބިދޭސީ ކުޅުންތެރިޔާ ސޮހިލާ މަލްމޯލިޓަރާޒީ ހަތަރު ލަނޑު ކާމިޔާބުކޮށްދިނެވެ. ސިފައިންނަށް މައީޝާ އަބްދުލް ހަންނާނު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ފާތިމަތު ފަޒްރާ އާއި ޝައުފާ ޝިއުތު އަދި އާމިނަތު އަޒީމާ ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ސިފައިންގެ އަނެއް ލަނޑަކީ ފެން ކްލަބުގެ ރައުފާ މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފެން ކްލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ހިދާޔާ އަލީއެވެ.

ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި ކްލަބު އިމިގްރޭޝަނުން ވަނީ 4-1ގެ ނަތީޖާއަކުން ކްލަބު ވެމްކޯ ބަލިކޮށްފައެވެ. އެ މެޗުގައި އިމިގްރޭޝަނުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ފަދުވާ ޒާހިރު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސާރީއެވެ. މެޗުގައި ކްލަބު ވެމްކޯ އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މަޑީނާއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތައް ދެން ކުރިއަށްދާނީ މާދަމާއެވެ. މާދަމާ ރޭ 8:15ގައި ޓީމް ފެނަކައާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނަ އިރު، ހަމަ އެގަޑީގައި ޓްރޭޑް ކްލަބާ ދެކޮޅަށް ފެން ކްލަބު ނުކުންނާއެވެ. މާދަމާ ރޭ 9:30ގައި އެމްޕީއެލްއާ ދެކޮޅަށް ކްލަބު ވެމްކޯ ނުކުންނަ އިރު، ހަމަ އެގަޑީގައި ސިފައިން ނުކުންނަން ޖެހޭނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.