ކްލަބު މޯލްޑިވްސް ކަޕް

އެޗްޑީސީ އަތުން ބީއެމްއެލް މޮޅުވެއްޖެ

ކްލަބު މޯލްޑިވްސް ކަޕްގައި ކްލަބު އެޗްޑީސީ އަތުން ޔުނައިޓެޑް ބީއެމްއެލް މޮޅުވެއްޖެއެވެ.

ހުޅުމާލޭ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު 'ގްރޫޕު ޖީ'ގެ މެޗުގައި އެޗްޑީސީ އަތުން ބީއެމްއެލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބީއެމްއެލް އިން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) އެވެ. އެޗްޑީސީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ފުރުގާން (ފުގޭ) އާއި އަބްދުﷲ ޝާފިއުއެވެ.

އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އިއްޔެ ހަވީރު މިފްކޯއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކުޅުނު 'ގްރޫޕު އެޗް'ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި ޕީއެސްއެމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރިމާހު އަހްމަދާއި މުހައްމަދު އަފާންއެވެ. އަދި މިފްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިހުސާމް މުހައްމަދާއި އަހްމަދު ރިފްޝާނެވެ.

ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި ކްލަބު އާސަންދަ އިން ވަނީ 6-4ގެ ނަތީޖާއަކުން ކޮމިއުނިކޭޝަން މިނިސްޓްރީ ބަލިކޮށްފައެވެ. ކްލަބު އާސަންދަ އިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މައިސާންއެވެ. އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހަމްދާނެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓްރީން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މާޖިދު އަބްދުލް ގަފޫރު ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ނައީމާއި އަލީ ޝާފިއުއެވެ.

ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި ޕްރިޒަން ކްލަބުން ވަނީ 6-2ގެ ނަތީޖާއަކުން އުރީދޫ ބަލިކޮށްފައެވެ. އެ މެޗުގައި ޕްރިޒަން ކްލަބުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން އިބްރާހީމް ހަލީމާއި އާދަމް މަންސޫރު، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ވިޖުދާނާއި އަމްޖަދު އަލީއެވެ. އަދި އެ މެޗުގައި އުރީދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ފާޝިރާއި އަލީ ފާސިރު (ސެންޓޭ) އެވެ.

މިއަދު ހަވީރާއި މިރޭ ވެސް އެ މުބާރާތުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، މިރޭ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

1700: އެމްޕީއެލް – އެސްޓީއޯ

1700: ކްލަބު އިމިގްރޭޝަން – އޭވިއޭޝަން ސެކިއުރިޓީ

2015: ޔޫތު މިނިސްޓްރީ – ފެހި ފަހި ކްލަބު

2015: އެމްޓީސީސީ – ކަސްޓަމްސް ރެކްރިއޭޝަން ކްލަބު

2130: ފެން ކްލަބު – ސިވިލް ކޯޓު

2130: ދިރާގު – ޕޮލިސް ކްލަބު

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.