ޝައުބާން މަހު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަ ހިފުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މި ދުވަސްތަކަކީ އަޅުގަނޑުމެންގެ ހެޔޮ އަމަލުގެ ފަތަށް ހެޔޮ އަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ގުނަމުން މިދާ ދުވަސްތަކަކީ ހުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާން މަހާ ދެމެދުގައިވާ، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާ މެދު ޣާފިލުވެފައިވާ ޝައުބާން މަހުގެ ދުވަސްތަކެވެ. އެމަހުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަ ހިފުމެވެ. އެމަހަކީ މީސްތަކުންގެ އަމަލުތައް ﷲގެ ހަޟުރަތައް އުފުއްލެވޭ މައްސަރެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ޝައުބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށާއި ﷲގެ ހަޟުރަތުން ދަރުމައާއި ޘަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވާ ކަމަށެވެ.
"އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ އުމުރާ އަޅާ ބަލާއިރު މި އުއްމަދުގެ މީހުންގެ އުމުރު ކުރެވެ. ތަފާތު ވަގުތުތަކާއި ދުވަސްތަކާއި ރޭތަކާއި މައްސަރުތައް މާތްކުރައްވައި، ކުރު އުމުރެއްގައި ގިނަގުނަ ހެޔޮ ކަންތައްތައް ކުރެވޭނެ ގޮތް ﷲ ވަނީ މި އުއްމަތުގެ މީހުންނަށްޓަކައި މިންވަރު ކުރައްވައިފައެވެ. އެ ދުވަސްތަކާއި ރޭތަކާއި މައްސަރުތަކުގައި ކުރެވޭ އަޅުކަންތައްތަކުގެ އަޖުރު އެ އިލާހު ވަނީ އިތުރުކުރައްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝައުބާން މަހު ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސް ސަފުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށާއި އެ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވޭ ކަމަށެވެ.