ޕޮލިސް

އަންހެނަކު ރޭޕް ކުރަން އުޅުނު ހަތަރު ފިރިހެނުންގެ ތެރެއިން ދެ ފިރިހެނަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު ހަތަރު ފިރިހެނުންގެ ތެރެއިން ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން މިރޭ ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.

މިރޭ 10:55 ހާއިރު މާފަންނު ގެސްޓް ހައުސްއެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު، އެވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އިވިގެން އެ ގެސްޓް ހައުސްއަށް ވަދެ ބެލި އިރު، ހަތަރު ފިރިހެނުން ވެގެން އަންހެން މީހާ ރޭޕް ކުރަން އުޅުނުކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ގެސްޓް ހައުސްއަށް ފުލުހުން ވަން އިރު، އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށާއި އަނެއް ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ގެސްޓް ހައުސްގެ ތެރެއިން ކަމަށެވެ. އަދި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ގެސްޓް ހައުސް ތެރެއަށް ފުލުހުން ވަނުމުން ފިލަން އުޅެނިކޮށް މަގުމަތިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.