އަބްދުﷲ ފާރޫގް ހަސަން
(25 އޯގަސްޓުގެ އަދަދާ ގުޅޭ)
ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ." (الأحـــــزاب: 59)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީޘްފުޅެއްގައި އިރްޝާދު ދެއްވައިފައިވެއެވެ.
"އަންހެނަކު ހުވަނދުލައިގެން ގިނަ ފިރިހެނުންތަކެއް ތިބިތަނަކަށް ގޮސްއުޅޭކަމުގައިވާނަމަ އޭނާއަކީ އެވެނި މިވެނިކަހަލަ މީހެކެވެ." (ޔަޢުނީ ފާޙިޝު ޢަމަލުތަކަށް ދަޢުވަތުދޭ މީހަކު ފަދައެވެ.) (ޖާމިޢު ތިރުމިޒީ: 2786)
ޅ. ހެދުމަކީ އައުރަ ނިވާކުރާން ލާއެއްޗެއް
އިސްލާމްދީން އަންހެނުންނަށް ކުރާ އަމުރުތަކުގެ ތެރޭގައި އެކަނބަލުންގެ ހެދުމަކީ (މޫނާއި ދެއަތްތިލަ ފިޔަވައި) މުޅި ހަށިގަނޑު ފޮރުވޭކަހަލަ ހެދުމަކަށް ހެދުމާއި އެކަނބަލުންގެ ބޯ ހާމައަށް ނުބެހެއްޓުން ހިމެނެއެވެ. އަދި އެކަނބަލުންގެ ހެދުމުގެ ކަރުވަޅު ހާމަކޮށް ހުޅުވައިފައި ނުބެހެއްޓުމާއި އެކަނބަލުންގެ ހެދުމަކީ ހަމުގެ ކުލަ ފާޅުވާފަދަ ތުނި ހެދުމަކަށް ނުހެދުންވެސް ހިމެނެއެވެ. ކީރިތި ޤުރްއާނުގައި މި މޭރުމުން ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުމަތީގައި އަޅައި ނިވައިކުރާހުށިކަމެވެ!" (الــنّـــــور: 31)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙުރުމަތްތެރި އަނބިކަނބަލުން السّــيّــدة عـائشـــة صــدّيــقــــة رضـــى الـلّــه عــنـــهـــا ގެ ދައިތާފުޅު السّــيّــدة أسمــاء رضـــى الـلّــه عــنـــهـــا އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ގަނޑުވަރަށް އެއްދުވަހަކު ވަޑައިގެންނެވިއެވެ. އޭރު އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ ވަރަށްތުނި ހެދުންކޮޅެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާ ފެނިވަޑައިގެންނެވުމާއެކު އަނެއްފަރާތަށް މޫނުފުޅު އަނބުރުއްވައިލެއްވިއެވެ. ޙަދީޘުކުރެއްވިއެވެ.
"އޭ أسمــاء އެވެ. އަންހެންކުއްޖާ ބާލިޣުވެއްޖެކަމުގައިވާނަމަ އެކުއްޖާގެ މޫނާއި ދެއަތްތިލަ ފިޔަވައި ހަށިގަނޑުގެ އެއްވެސްތަނެއް ހާމަޔަށް ބަހައްޓައިގެން ނުވާނެއެވެ." (أبــــو داؤد: 4104)
އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްފަހަރަކު ނުހަނު ޞަރީޙު ބަސްފުޅުން އަންހެނުންނަށް އިންޒާރު ދެއްވަމުން ޙަދީޘުކުރެއްވިއެވެ.
"ވަރަށްގިނަ އަންހެނުން ހެދުންލައިގެން ތިބުމާއެކުވެސް އޮރިޔާމުން ތިބެއެވެ. އެކަނބަލުން އެހެންމީހުން އެކަނބަލުންގެ މައްޗަށް ލަންބުވައެވެ. އެކަނބަލުން އެހެންމީހުންގެ މައްޗަށް ލެނބެއެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ހަދައިފައި ހުންނަނީ ޖަމަލުގެ ގޮންގަނޑު ފަދައިންނެވެ. އެކަނބަލުންނަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. ސުވަރުގޭގެ މީރުވަހަކީ ވަރަށް ދުރުންވެސް ލިބިގަނެވޭ ވަހެކެވެ. (މުސްލިމު: 2128)
ކ. ފަރުދާގެ ޚާއްޞަ އަމުރު
އިސްލާމްދީން އަންހެނުންނަށް އަމުރުކުރާ ކަންތައްތަކުގެ ތެރޭގައި އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭފިރިހެނުންގެ ކުރިމަތީގައި ފާޅުނުކުރުންވެސް ހިމެނެއެވެ. އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ!" (الــنّـــــور: 31)
މި މާތް އާޔަތުގައި އިސްތިސްނާ ކުރައްވައިފައިވަނީ އެތަންތާނގެ ޒާތުގައިވެސް ފާޅުވާ ތަންތަނެވެ. ބައެއް ޢިލްމުވެރީންގެ ރައުޔުގައި "ފާޅުވެގެންވާ ތަންތާނގެ" މުރާދަކީ މޫނާއި ދެއަތްތިލައެވެ. އަންހެނުންނަށް އެ ދެ ގުނަވަން ހާމަޔަށް ބެހެއްޓިދާނެއެވެ. އަދިވެސް ޢިލްމުވެރީން ވިދާޅުވާގޮތުގައި ފިތުނަ އުފެދިދާނެކަމުގެ ބިރު އޮތްކަމުގައިވާނަމަ ރަނގަޅީ މޫނުވެސް ނިވާކުރުމެވެ.
ޒިނޭކުރުން ހުއްޓުވުމަށްޓަކައި އިސްލާމްދީނުގައި ދީފައިވާ ރައްކައުތެރިވުމުގެ ބައެއް އިރްޝާދުތައް އިސްވެދިޔަތާނގައި އެވަނީ ބަޔާންކޮށްފައެވެ. އެ ފިޔަވަޅުތަކުގެ އިތުރަށްވެސް އިސްލާމްދީން ވަނީ ރައްކައުތެރިވުމުގެ ބައެއް ތަދުބީރުތައް ޚިޔާރުކޮށްފައެވެ. ޒިނޭއާ ހަމަޔަށް އިންސާނާ ވާސިލުކުރުވާ އަދި ޝަހުވަތުގެ ޖަޒުބާތީ ހުޅުރޯވުމުގެ ސަބަބަކަށްވާ ކަންތައްތަކެވެ.
ހ. ރާއާއި މަސްތުވާ ތަކެތި ޙަރާމްވުން
އިންސާނުން ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަށާއި ބޮޑެތި ޖަރީމާތައް ހިންގަން މެދުވެރިވާ އެންމެބޮޑު ސަބަބަކީ ރާބުއިމާއި މަސްތުވާ ތަކެތި ބޭނުންކުރުމެވެ. އެހެންކަމުން އިސްލާމީ ފަލްސަފާގައި މަސްތުވާ ތަކެއްޗަށް ދީފައިވާ ނަމަކީ ހުރިހައި ނުބައިކަމެއްގެ މަންމަގެ ނަމެވެ. މަސްތުވާ ތަކެތި ބޭނުންކުރުމުން މީހާގެ ބުއްދި ފިލައިދެއެވެ. އޭނާއަކަށް ހެޔޮނުބައި ވަތްކެއް ނުވެއެވެ. އޭނާއަށް އަބަދަކު ހަމަޔަކު ނުހުރެވެއެވެ. އޭނާއަށް ކޮންއިރަކު ކުރެވުނީ ކޮންކަމެއްކަމެއް ނޭނގެއެވެ. ހަމައެފަދައިން މަސްތުވާ ތަކެތި ބޭނުންކުރުމުން އިންސާނާގެ ޝަހްވަތްތެރިކަމުގެ ޖަޒުބާތުވެސް ހޭލާގޮތްވެއެވެ. މައިދަރިވަކިނުވާގޮތްވެއެވެ. އިސްލާމްދީން ރާ ޙަރާމްކުރުމުގެ ސަބަބަކީ މިއީއެވެ. ކީރިތި ޤުރްއާނުގައި ސިފަކުރައްވައިފައިވާ ގޮތުގައި މަސްތުވާ ތަކެތި ބޭނުންކުރުމަކީ މުޑުދާރު ޝައިޠާނީ ކަމެކެވެ. އިސްލާމްދީން ވަނީ މަސްތުވާ ތަކެތީން ސަލާމަތްވެ ދުރުހެލިވާން އިރްޝާދު ދީފައެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރާން ހަދައިފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުކަތުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ. (المــــائــــدة: 90)
ރާބުއިމަކީ އިސްލާމްދީނުގައި އަދަބުދެވޭ ކުށެކެވެ. އެކަމަކު އިސްލާމީ އެންމެ ފުރަތަމަ ދައުރުގައި އެކުށަށް ދޭންވީ އަދަބުގެ މިންވަރު ކަނޑައެޅި ޢައްޔަންވެފައެއް ނުވެއެވެ. ނަމަވެސް ތަންކޮޅެއްފަހުން ޞަޙާބީން ވަނީ އެކުށުގެ އަދަބަކީ އަށްޑިހަ އެތިފަހަރުން ތަޢުޒީރުކުރުން ކަމުގައި އިއްތިފާޤުވެވަޑައިގެންފައެވެ. އެކަމުގެ ދަލީލެއްކަމުގައި އެބޭކަލުން ބައްލަވައިފައިވަނީ ރާބުއިމުން އިންސާނާގެ ބުއްދީގެ މައްޗަށް އޭނާގެ އިޚްތިޔާރެއް ނެތިގެންދާކަމެވެ. ރާބޮއިގެން ހުންނަ މީހާ ވިޔާނުދާ ފާޙިޝު ވާހަކަ ދައްކައެވެ. ޢިއްފަތްތެރި ޢިޞްމަތްތެރި އަންހެނުންގެ ބޮލުގައި ދޮގު ތުހުމަތާއި އިލްޒާމު އެޅުވުމެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ރާބުއިމަކީ އިސްލާމްދީނުގައި ޙަރާމްކަމެއް ކަމުގައިވާއިރު ރާ ފެކްޓަރީތައް ހެދުމާއި ރާގެ ވިޔަފާރި ކުރާކަށެއް އެދީން ހުއްދައެއް ނުދޭނެއެވެ.
ށ. ފާޙިޝު ކަންތައް ފެތުރުމަކީ ހުއްދަކަމެއް ނޫނެވެ.
ހަމައެފަދައިން މުޖުތަމަޢުގައި ލަދުހުތުރު ކަންތައްތަކާއި ފާޙިޝު ކަންތައް ފެތުރުމަކީވެސް އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޞަރީޙުކޮށް މަނާކުރާ ކަންކަމެވެ. އޭގެތެރޭގައި ލަދުހުތުރުކަމާއި އޮރިޔާންކަން ޢާންމުކުރުމާއި ޢާންމުންގެ ޝަހްވަތުގެ ޖަޒުބާތު ހޭލައްވައި ފާޙިޝު ޢަމަލުތަކަށާއި ޒިނޭއަށް ހިތްކިޔާ ޒާތުގެ ފުޅަވާހަކަތަކާއި ކަންކަން އިޝްތިހާރުކުރުން ވަނީ މަނާކޮށްފައެވެ. މުޖުތަމަޢުގައި ފާޙިޝު ޢަމަލުތައް ފެތުރުމުގެ ޒަރީޢާއަކަށްވާ މީހުންނަށް އިސްލާމްދީނުގައި ވަނީ ވޭންދެނިވި ޢަޒާބު ދެއްވާނެކަމުގެ ބިރުވެރި ޚަބަރު ދެއްވައިފައެވެ.
(ނުނިމޭ)