ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވެސް މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އާޒިމް އެހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.

އާޒިމް އެހެން ވިދާޅުވެފައިވާ އިރު، އެމްޑީޕީ މެމްބަރުންގެ ތެރެއިން މަޖިލިސް ރައީސްކަމަށް ރައީސް ނަޝީދު ގެންނަވަން ބޭނުންފުޅުވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް އައުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ ވެސް އެބަހުރި. އެހެންނަމަވެސް އަޅުގަނޑުމެން ކަންކަން މި ނިންމަނީ އަޅުގަނޑުމެންގެ ތެރޭގައި ވާހަކަދެކެވިގެން. މި ދެ މަގާމުން މަގާމަށް އައުމުގެ ޝައުގުވެރިކަން އެބަހުރި،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލިސް މެމްބަރެއްގެ ގޮތުގައި އޭނާގެ ވެސް ތިންވަނަ ދައުރު ފުރިހަމަވެގެންދާ އިރު، ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު މިހާރުވެސް މި ހުންނަނީ ޕާލަމަންޓް ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމުގައި. އެހެންވީމާ އަޅުގަނޑުގެ ޝައުގުވެރިކަން ހުރި ވާހަކަ، އަޅުގަނޑު ޕާލަމަންޓް ގްރޫޕުގެ މެމްބަރުންނާ ހިއްސާކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ވިސްނުން ގެންގުޅުއްވާތީ ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ގެނައުމަށް ވަކި ބޭފުޅަކަށް ތާއީދުކުރާ ވާހަކަ މިވަގުތު ދެންނެވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.