ބޭރު ކުޅިވަރު

ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާލަންޑާއި ސްޕެއިންގެ ބޮންމާޓީއަށް

މިދިޔަ އަހަރުގެ ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ބްރައުޓް ހާލަންޑާއި ސްޕެއިން އާއެކު ދާދިފަހުން ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބު ކުރި އައިޓާނާ ބޮންމާޓީ ހޯދައިފިއެވެ.

ދެ ކުޅުންތެރިންނަށްވެސް އެވޯޑް ދިނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމާއި މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިން އިއުލާންކުރަން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިދިޔަ ސީޒަނަކީ ސިޓީގެ ހާލަންޑަށް ކްލަބު ފުޓުބޯޅައިގައި ފުރިހަމަ ކާމިޔާބީއެއް ލިބިގެންދިޔަ ސީޒަނެކެވެ. އޭނާ ވަނީ ކްލަބާއެކު ތާރީހީ ޓްރެބަލް ކާމިޔާބުކޮށްފައެވެ. އެއީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕެވެ. ސީޒަންގައި ކުޅުނު 53 މެޗުން 52 ގޯލު ހާލަންޑް ޖަހައިދީފައިވާ އިރު، އޭނާއަކީ މިދިޔަ ސީޒަންގެ އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ހާލަންޑާއެކު މި ފަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ ކެވިން ޑި ބްރޭނާ އާއި ލިއޮނަލް މެސީއެވެ.

އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ބާސެލޯނާގެ އުމުރުން 25 އަހަރުގެ ބޮންމާޓީ އަކީ ސްޕެއިނުން ފުރަތަމަ ފަހަރަށް އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ބޮންމާޓީއާ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ ސްޕެއިނުގެ އޯލްގާ ކަމޯނާ އާއި އޮސްޓްރޭލިއާ ގައުމީ ޓީމުގެ ކެޕްޓަން އަދި ޗެލްސީގެ ފޯވާޑް، ސޭމް ކާއެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި އިންގްލެންޑްގެ އަންހެން ޓީމުގެ ކޯޗު ސަރީނާ ވައިގްމަން އަށެވެ.