މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ރޯދަމަހު ފިހާރަތަކާއި ހޮޓާތައް ހުޅުވާ ގަޑިތައް އާންމުކޮށްފި

ރަމަޟާން މަހު ފިހާރަތަކާއި ހޮޓާތައް ހުޅުވާފައި ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ 29 އިން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 އަށް ކަަމަށެވެ.

އަދި ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ އިރުއޮއްސުމާ ހަމައިން، މެންދަމު 3:00 އާ ދެމެދު ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރަމަޟާން މަހު ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާ ގަޑިތަކަށް ބަދަލު ގެނައި އިރު، ދާދި ފަހުން ވަނީ 24 ގަޑިއިރު ހިދުމަތްދޭން ބޭނުންވާ ތަންތަނުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބަލައި މިންގަނޑަށް ފެތޭ ތަންތަނަށް ހުއްދަ ދީފައެވެ.

އެގޮތުން މާލޭގައި މިހާރުވެސް ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަން ހުޅުވާފައި ހުރެއެވެ.