ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު، ކާށިދޫގައި އެއާޕޯޓެއް ހެދުމަށާއި އެރަށު ފަޅުގައި ރިސޯޓެއް ހެދުމުގެ ހުއްދައަށް ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެއެވެ.
ޖާބިރު އޭނާގެ ކެމްޕެއިން ޕޭޖުގައި ވިދާޅުވެފައިވަނީ އެއާޕޯޓު ހެދުމާއި ރިސޯޓު ހެދުމުގެ ހުއްދަ ހޯދުމަށް، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިދިނުމަށް އެދި އިކޮނަމިކް މިނިސްޓްރީއަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ.
މަޖިލިސް ކެމްޕެއިންގެ ތެރޭގައި އަމިއްލަގޮތުން ވާދަކުރެއްވި ޖާބިރު ވަނީ ކާށިދޫ ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު ވެވަޑައިގެންނެވި އިރު، ،މަތިންނާއި އަޑިން ކާށިދޫ އާއި ގާފަރު ގުޅުވައިލާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކާށިދޫ ދާއިރާގެ ރައްޔިތުން ކޭބަލް ކާރުގައި ދަތުރުކުރާ މަންޒަރު ފެންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މަޖިލީހަށް އިންތިހާބުވެވަޑައިގެން ފަހުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވެފައިވަނީ ކާށިދޫގައި އެކަނިވެސް 3000 ބެޑް އޮޕަރޭޓު ކުރާނެ ކަމަށާއި އެކަން ކުރާނީ އެރަށުން ގަނެފައިވާ އަމިއްލަ ބިމުގައި ކަމަށެވެ.
މަޖިލީހުގެ ކެމްޕެއިންގައި ގިނަ ކެންޑިޑޭޓުން ވަނީ ދާއިރާގެ ރައްޔިތުންނަށް ވައުދުތައް ވެފައެވެ.