ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޗެސް ކުޅުންތެރިންނަށް އިތުރު ތަމްރީންތައް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އަދި ރާއްޖޭގައި ރާޒުވާ ކޯޗުން ތަރައްގީ ކުރުމުގެ އިތުރުން މިއެއްބަސްވުމުގައި، ރާއްޖޭގެ ރާޒުވާ އިތުރަށް ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.
އެގޮތުން އޯލް އިންޑިއާ ޗެސް ފެޑެރޭޝަންގެ އަމިއްލަ ހަރަދުގައި ރާއްޖެއަށް ކޯޗުން ހަމަޖައްސައިދިނުމާއި ރާއްޖޭގެ ރާޒުވާ ކުޅުންތެރިންނަށް އޯލް އިންޑިއާ ޗެސް ފެޑެރޭޝަނުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރާޒުވާ ކުޅޭ ސާމާނާއި އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.