މުހައްމަދު އައުޒަމް
އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެއްވެސް ޕާޓީއެއް އުވާލުމުގެ މަސައްކަތް ކުރަމުންނުދާ ކަމަށާއި ސިޔާސީ ޕާޓީތައް އުވާލެވޭނެ ގޮތްތައް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށް އެ ކޮމިޝަންގެ ތަރުޖަމާން އަދި މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަކްރަމް އެހެން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސިއްދީގު ޓުވީޓެއް ކުރެއްވުމާ ގުޅިގެންނެވެ.
އަކްރަމް ވިދާޅުވީ މިހާރުވެސް އަދި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވެސް އެއްވެސް ޕާޓީއެއް އުވާލުމާ މެދު ކޮމިޝަންގައި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށާއި ގާނޫނުގައި ބުނާގޮތުން ފިޔަވައި އެއްވެސް ގޮތަކަށް ސިޔާސީ ޕާޓީއެއް އުވައި ނުލާނެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މިއަދުވެސް އަދި ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެން އެއްވެސް ޕާޓީއެއް އުވާލުމާ މެދު މަޝްވަރާކުރަމުންނެއް ނުގެންދަން. އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ކުރަންޖެހޭ މާ މުހިންމު ކަންތައްތައް އެބަހުރި. ސިޔާސީ ޕާޓީއެއް އުވާލެވޭ ގޮތް ވަރަށް ރަނގަޅަށް ގާނޫނުގައި ބަޔާންކޮށްފައި އޮވޭ. އެހެންވީމާ ގާނޫނުގައި ބުނާގޮތުން ފިޔަވައި އެއްވެސް ގޮތަކަށް ސިޔާސީ ޕާޓީއެއް އުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެފަދަ އެއްވެސް ކަމަކާ މަޝްވަރާ ނުކުރާ އިރުގައި މުއުތަބަރު ގޮތަކަށް ކޮމިޝަންގެ މައުލޫމާތެއް ބޭރުވެގެންނެއް ނުދާނެ ކަމަށާއި މުއުތަބަރުވާ ގޮތަކީ އިލެކްޝަންސް ކޮމިޝަންގެ ނިންމުންތައް ކޮމިޝަންގެ މެމްބަރުން އެކަމެއް ނިންމައި ސޮއިކުރުމުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ހަލަބޮލިކަން އުފައްދައި، ގައުމުގެ މަސްލަހަތު ނަގާލުމަށްޓަކައި ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެފަދަ ގޮތަކަށް މަސައްކަތް ނުކުރެއްވުމަށް ވެސް އަކްރަމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
"އަޅުގަނޑު މިދަންނަވަނީ ވަރަށް މުއުތަބަރުކޮށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން، ކޮމިޝަނުގެ ނަމުގައި މި ދަންނަވަނީ ކޮމިޝަންގެ ތެރެއިން އެފަދަ އެއްވެސް ކަމެއް ކުރަމުންނެއް ނުގެންދަން. އަދި ހަމަ އެހެންމެ ރައްޔިތުންގެ މެދުގައި ހަލަބޮލިކަން އުފައްދައި، ގައުމުގެ މަސްލަހަތު ނަގާލުމަށްޓަކައި ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ ގޮތަކަށް މަސައްކަތް ނުކުރެއްވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ.