ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބު ފެށުން ރަނގަޅުކޮށްފިއެވެ.
ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި އެމްޕީއެލް އިން ވަނީ 5-1ގެ ނަތީޖާއަކުން ފެނަކައިގެ މައްޗަށް ކުރި ހޯދައިފައެވެ.
އެ މެޗުގައި އެމްޕީއެލް އިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސަހާރް ޒަމަނިފާޑްއެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ޝާލިޔާ އާއި ފާތިމަތު ޖޫޒާން ޒަރީރެވެ. ޓީމް ފެނަކައިގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މަހްނާޒް އަލިޒަޑެހްމިއަންޑަސްޓޭ އެވެ.
ޓްރޭޑް ކްލަބާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުން ޕޮލިސް ކްލަބު ވަނީ 8-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ޕޮލިސް ކްލަބުން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްދިނީ ސަކޫނާ ސެނަބުތެވެ. ޕޮލިސް ކްލަބަށް ސަވިތުރީ މަމްޔަލީ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ޝިޔާނާ އަހްމަދު ޒުހައިރު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
މިއަދު ވެސް ކްލަބު މޯލްޑިވްސް ކަޕްގެ މެޗުތަކެއް ކުރިއަށްދާނެއެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ބައިގެ ހަތަރު މެޗާއި ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެ މެޗެވެ.
ފިރިހެން ބައިގައި މިއަދު ހަވީރު 5:00ގައި ކްލަބު އެޗްޑީސީއާ ދެކޮޅަށް ޔުނައިޓެޑް ބީއެމްއެލް ނުކުންނަ އިރު، ހަމަ އެ ގަޑީގައި މިފްކޯއާ ދެކޮޅަށް ޕީއެސްއެމް ނުކުންނާނެއެވެ. މިރޭ 9:30 ކްލަބު އާސަންދައާ ދެކޮޅަށް ކޮމިއުނިކޭޝަން މިނިސްޓްރީ ނުކުންނަ އިރު، ހަމަ އެ ގަޑީގައި އުރީދޫއާ ދެކޮޅަށް ޕްރިޒަން ކްލަބު ނުކުންނާނެއެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:15ގައެވެ. އެގޮތުން ކްލަބު ވެމްކޯއާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނަ އިރު، ޑީއެސްސީއާ ދެކޮޅަށް ފެން ކްލަބު ނުކުންނާނެއެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.