ކްލަބު މޯލްޑިވްސް ކަޕް

ޗެމްޕިއަން ގްރޭޓާ މާލެއަށް ރަނގަޅު ފެށުމެއް

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑު ފެށުން ރަނގަޅުކޮށްފިއެވެ.

ހުޅުމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު 'ގްރޫޕު އީ'ގެ މެޗުގައި ގްރޭޓާ މޭލެއިން ވަނީ ސްޓެލްކޯގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

އެ މެޗުގައި ގްރޭޓާ މާލޭގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހާއި ރިހާމް އަބްދުލްޤަނީ (ބޮބީ) އެވެ. ސްޓެލްކޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒް އަހްމަދު (އަޔާ) އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ތައުލީމީ ގުޅުމާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އެވެ. 'ގްރޫޕު އެފް'ގައި ކުޅުނު އެ މެޗު 5-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑީއެސްސީއެވެ.

އެ މެޗުގައި ޑީއެސްސީން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އަހުމަދެވެ. އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ނަދީފް އިބްރާހީމާއި މުހައްމަދު އަންވަރު އަދި މުހައްމަދު ރަޝީދެވެ. ތައުލީމީ ގުޅުމުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އައްޒާމް އަލީ ދީދީއާއި ރައުފަތު އަބޫބަކުރެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

މިއަދު ވެސް ކްލަބު މޯލްޑިވްސް ކަޕްގެ މެޗުތަކެއް ކުރިއަށްދާނެއެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ބައިގެ ހަތަރު މެޗާއި ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެ މެޗެވެ.

ފިރިހެން ބައިގައި މިއަދު ހަވީރު 5:00ގައި ކްލަބު އެޗްޑީސީއާ ދެކޮޅަށް ޔުނައިޓެޑް ބީއެމްއެލް ނުކުންނަ އިރު، ހަމަ އެ ގަޑީގައި މިފްކޯއާ ދެކޮޅަށް ޕީއެސްއެމް ނުކުންނާނެއެވެ. މިރޭ 9:30 ކްލަބު އާސަންދައާ ދެކޮޅަށް ކޮމިއުނިކޭޝަން މިނިސްޓްރީ ނުކުންނަ އިރު، ހަމަ އެ ގަޑީގައި އުރީދޫއާ ދެކޮޅަށް ޕްރިޒަން ކްލަބު ނުކުންނާނެއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:15ގައެވެ. އެގޮތުން ކްލަބު ވެމްކޯއާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނަ އިރު، ޑީއެސްސީއާ ދެކޮޅަށް ފެން ކްލަބު ނުކުންނާނެއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.