މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ ވެސް ރައީސް ޔާމީނަށް ޣައްދާރުވެއްޖެ ކަމަށް މިހާރު ނިންމައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ އަޝްމަލީ އިއްޔެ އޭނާއަށް ފޯނު ކުރައްވައި ކަން ހިނގިގޮތް ކިޔައިދީފައިވާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ އަޝްމަލީއަކީ އޭނާގެ ދާއިރާއަށް ނިސްބަތްވާ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން އަރިހު މަސައްކަތް ކުރުމުން ތިމަންނާވެސް ޣައްދާރުވެއްޖެ ކަމަށް ނިންމައިފި ކަމަށް އަޝްމަލީ މިއަދު ފޯނު ކުރައްވައި ވިދާޅުވި ކަމަށެވެ.
މަހުލޫފް ވިދާޅުވީ "މެޑަމް ފާތުމަތު އިބްރާހިމްގެ އަވައިގައި" ޖެހިގެން އަޝްމަލީ މަސައްކަތް ކުރެއްވިއިރު، އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ނަސޭހަތްދީފައިވާނެ ކަމަށެވެ. އަދި މިއަދު އަޝްމަލީ އެކަމާ ދެރަވެ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑަށް މެސެޖުކޮށްފަ އަޝްމަލީ ބުނަނީ ތިމަންނަ އެބަދެރަވަމޭ މަހޭގެ ބަސް އަޑުނޭހުނީމަ. އެއޮށް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކީގައި ތިމަންނަ މަސައްކަތްކުރީމަ މިއަދު ތިމަންނަވެސް ޣައްދާރުވެއްޖެކަމަށް ނިންމާފަ، ތިމަންނަގެ އަގުވައްޓާލަމުންނޭ މިއަދު އެދަނީ،" މަހުލޫފް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި އަޝްމަލީ "ގަނެފައި" ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް މަހުލޫފް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ އަމިއްލަ ކަންތައްތައް ހާސިލު ނުކުރެވޭނަމަ އެއީ ކިތަންމެ ގާތް މީހެއްކަމުގައިވިޔަސް އެމީހަކާ ގުޅުން ކަނޑާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މަހުލޫފް ވިދާޅުވީ އެއީ ތެދު ހަގީގަތެއް ކަމަށާއި ނަމަވެސް އެ ވާހަކަ އިދިކޮޅު ފަރާތްތަކުން ފަޅާއަރުވާލުމުން ފުރާ ތާރީޚު ފަސްކުރަން ނިންމެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅިފައި ވަނީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ކަމަށާއި އެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް އެމަނިކުފާނު ފުރިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ކޯޓުތަކުން އަޅަންޖެހޭ ކަމަށެވެ.