ވިޔަފާރި

ބްރިޖް ލިޓްލް ލާނާސް ޕްރީސްކޫލުގެ ފަންފެއާ އަންނަ ހުކުރު ދުވަހު ބާއްވަނީ

ބްރިޖް ލިޓްލް ލާނާސް ޕްރީސްކޫލުގެ ފަންފެއާ އަންނަ ހުކުރު ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވަން ހަމަޖައްސައިފިއެވެ.

ބްރިޖް ލިޓްލް ލާނާސް ޕްރީސްކޫލުން ބުނީ ކާނިވާ ސަރަހައްދުގައި ބާއްވަން ހަމަޖައްސާފައިވާ މިފެއާގައި ވިޔަފާރި ސްޓޯލްތަކާއި ޖަމްބަލް ސޭލް ވެސް ހިމެނޭ ކަމަށެވެ.

އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުތައް ކުޅޭނެ ސްޓޯލްތަކާއި ކެންޓީނުވެސް މިފެއާގައި ހުންނާނެއެވެ.

ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މިފެއާއަށް ވަނުމުގެ ފުރުސަތު ހިލޭ ލިބޭނެ އިރު ކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެވޭނީ ހާއްސަ ކޫޕަނެއް ގަނެގެން ކަމަށް އެސްކޫލުން ބުނެފައިވެއެވެ.

މިފެއާގައި ކުޑަކުދިންގެ ތަފާތު ހުނަރުތައް ދައްކައިލެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

އަދި ބްރިޖް ލިޓްލް ލާނާސް ޕްރީސްކޫލުން ބުނިގޮތުގައި މިފެއާއިން ވިޔަފާރި މޭޒު ދޫކުރާނީ 500 ރުފިޔާއަށެވެ.

އަދި ވިޔަފާރި މޭޒު ބޭނުންވާ ފަރާތްތަކުން އެ ސްކޫލަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި މިއީ ފަންޑްރައިޒް ކުރުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވެސް އެ ސްކޫލުން މައުލޫމާތު ދެއެވެ.