މިނިސްޓަރު އިމްރާން އަބްދުﷲ

އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުން: އިމްރާން

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނީ ވަސީލަތްތައް ކަށަވަރުކުރުން ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުޅުމާލޭ ޖަލުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމަޔަކުން އަޅާފިޔަވަޅުތަކެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ އެމައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ.

28 ފޫޓް ދިގު 17 ފޫޓްގެ ފުޅާ، ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅިން ބޭރުގައި ވަގުތު ހޭދަކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.