އިންޑިއާ

އިންޑިޔާއިން ރާއްޖެއަށް 200،000 ލެޑްބޮކި ދެނީ

އިންޑިޔާ ސަރުކާރުން ރާއްޖެއަށް 200,000 ލެޑް ބޮކި ދޭން ނިންމައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ މި ބޮކިތަކަކީ، އިއާދަކުރަނިވި ހަކަތައާއި އެނަރޖީ އެފިޝިއެންސީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެ މިނިސްޓްރީ އާއި އިންޑިއާ ސަރުކާރުގެ އެނަރޖީ އެފިޝިއެންސީ ސަރވިސަސް ލިމިޓެޑާއި ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާކުރާ 200,000 ލެޑް ބޮތްކެވެ.

އޭގެ ތެރެއިން މިހާރު ލިބިފައިވާ 5000 ބޮކި ފެނަކަ ކޯޕަރޭޝަނާ މާދަމާ ހަވާލު ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް މިހާރުގެ ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ރާވައިފައެވެ. އަދި އެ ކަންތައްތަކަށް ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ހަމަޖެހިފައިވާއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދައިގެން ވިހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ޕްލޭން ކޮށްފައެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދުވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.