ކުޅިވަރު

ފީފާގެ ރައީސަށް ނިއުޒިލެންޑުގެ ފުލުހުން މޮޓޯކޭޑް ހަމަޖައްސައެއް ނުދިން!

ނިއުޒިލެންޑާއި އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އިންތިޒާމްތައް ބައްލަވައިލެއްވުމަށް ފީފާގެ ރައީސް ޖިއާއްނި އިންފަންޓީނޯ ނިއުޒިލެންޑަށް ވަޑައިގެން ފުލުހުންގެ މޮޓޯކޭޑަށް އެދިވަޑައިގެންނެވީމާ އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް ނިއުޒިލެންޑުގެ ފުލުހުން ބުނެފިއެވެ.

ނިއުޒިލެންޑުގެ ގައުމީ ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ފީފާއަކީ ކުޅިވަރު ޖަމިއްޔާއެއް ކަމަށާއި ފީފާގެ ރައީސަށް ފުލުސް މޮޓޯރކޭޑް ހަމަޖައްސައިދިނުމަކީ ނިއުޒިލެންޑުން އަމަލުކުރާ އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ. ނިއުޒިލެންޑުން މޮޓޯރކޭޑް ހަމަޖައްސައިދެނީ ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނާއި ރަސްރަސްކަލުންނާއި އެފަދަ އިއްޒަތްތެރިންނަށް ކަމަށާއި އިންފަންޓީނޯއަކީ އެދަރަޖައިގެ ބޭފުޅެއް ނޫންކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ނިއުޒިލެންޑަށް އިންފަންޓީނޯ ވަޑައިގެން އޮކްލެންޑާއި ވެލިންޓަނާއި ކްރިސްޗާޗްގެ ދޭތެރޭގައި ދަތުރުކުރެެއްވީ ފީފާއިން ކުއްޔަށް ހިފި ޕްރައިވެޓް ޖެޓެއްގައެވެ. ސިޓީތަކުގެ ތެރޭގައި ދަތުރުކުރެއްވީ ކާރުގައެވެ. މޮޓޯރކޭޑު ނެތަސް ފުލުހުން އޭނާގެ ރައްކާތެރިކަމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިދީފައިވެއެވެ. ނިއުޒިލެންޑަށް ކުރެއްވި ދަތުރުފުޅުގެ އަރިމަތިން ފިޖީއާއި ވަނުއާޓޫއާއި ޕީއެންޖީއާއި ނިއުކެލެޑޯނިއާ ފަދަ ޕެސިފިކްގެ ތަންތަނަށްވެސް އިންފަންޓީނޯ ވަޑައިގެންނެވިއެވެ.

ފީފާގެ ރައީސްކަމަށް އިންފަންޓީނޯ ވަޑައިގެންނެވީ 2016 ގައެވެ. އޭނާ ނިސްބަތްވަނީ ސުވިޒަރލެންޑަށެވެ. އެންމެފަހުން ގަތަރުގައި ބޭއްވުނު ފިރިހެނުންގެ ވޯލްޑްކަޕް މެޗުތައް ބައްލަވައިލެއްވުމަށް މާގިނައިން ސްޓޭޑިއަމްތަކަށް ވަޑައިގެންފައިނުވާތީ އިންފަންޓީނޯއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. މިފަހަރުގެ އަންހެނުންގެ ވޯލްޑްކަޕުގެ މެޗުތައް ކުޅެވުނު އެންމެހައި ސްޓޭޑިއަމްތަކަށް ވަޑައިގެންނެވުމުގެ ސިއްރަކީ އެއީއެވެ.