އިބްރާހިމް ޒަކީ
މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ހާޒިރު ކޮށްފިއެވެ.
އެ އެކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ރިޔާސީ ކޮމީޝަނުން ބުނެފައިވަނީ، ޒާހިދު އެ ކޮމިޝަނަށް ހާޒިރުވެ ބަޔާންދީފައިވާ ކަމަށާއި، އޭނާ ބަޔާންދީފައި ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގާ، ޔާމީން ރަޝީދާ ބެހޭ ގޮތުން 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އޭނާ ކުރި ޓްވީޓުތަކާ ގުޅޭގޮތުން ކަމަށެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ފޯނު ނުނަންގަވާތީ މިކަމާބެހޭ އިތުރު ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހުގެ ސ. ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވުމަށްފަހު އަނބުރާ ނަން ނެންގެވި ޒާހިދު ރަމީޒް އޭރު ޔާމީނާ ގުޅޭ ގޮތުން ކުރި ޓްވީޓުތަކުގައި ވަނީ މަރުގެ އިންޒާރުތައް ދީފައެވެ.
ތޭވީސް އޭޕްރީލް 2017ގައި ދިރިއުޅޭ ގޭގެ ތެރެއަށް ވަންނަނިކޮށް 24 ތަނަކަށް ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރާލާފައިވާއިރު، އެ މައްސަލަ ތަހުގީގުކޮށް މައްސަލައިގެ ޝަރީއަތްތައް ވެސްވަނީ ފަށައިފައެވެ.
ނަމަވެސް ޔާމީންގެ އާއިލާއިންނާއި ގިނަ ބަޔަކު އަންނަނީ އެ ހާދިސާގެ ތަހުގީގާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.