ބޮލީވުޑް

ސަލްމާނާއެކު އޮންނަ އީކުއޭޝަން ބަދަލެއް ނުވާނެ: ސޮނާކްޝީ

ސަލްމާނާއެކު އޮންނަ އީކުއޭޝަން ކޮންމެ ހިސާބަކަށް ކެރިއަރުގައި ދިޔަޔަސް ބަދަލު ނުވާނެ ކަމަށް ދަބަންގް ގައި ސަލްމާން ޚާނާއާއެކު ލީޑް ރޯލުން ފެނިގެން ދާ ތަރި ސޮނާކްޝީ ސިންހާ ބުނެފިއެވެ.

ޑަބަންގް ތިނެއްގެ ޝޫޓިން ފެށީ މިދިޔަ ހަފްތާ ތެރޭގައެވެ. ސޮނާކްޝީ ބުނީ ޓީމާއެކު މަހޭޝްވަރުގައި ވަނީ ކުޑަ ދުވަސްކޮޅަކަށް ޝޫޓިން ކުރިއަށް ގެންގޮސްފައިކަމަށެވެ. ނަމަވެސް މިވަގުތު ސޮނާކްޝީ ހުރީ މުމްބާއީގައި އޭނާގެ ފިލްމު ކަލަންކް ގެ ރިލީސްކުރުމުގެ ޕްރޮމޯޝަނަށެވެ. ފިލްމު ރިލީސް ކުރުމާއެކު އެނބުރި ދަބަންގް ކްރޫއާ ގުޅޭނެ ކަމަށް ސޮނާކްޝީ ބުނެއެވެ.

ސޮނާކްޝީ އިތުރަށް ބުނި ގޮތުގައި ދަބަންގް ގެ ސެޓަށް ދާ ކޮންމެ ފަހަރު ސްޕެޝަލް ވެގެންދެއެވެ. އެ ފިލްމާއެކު ފިލްމީ ދަތުރު ފެށީ މީގެ 10 އަހަރު ކުރިން ކަމަށް ފާހަގަ ކުރަމުން ސޮނާކްޝީ ބުނީ ދަބަންގްގެ ފުރަތަމަ ފިލްމަކީ އޭނާގެ ޑެބިއު ފިލްމު ކަމަށެވެ. އަދި ސަލްމާން އަކީ އޭނާގެ ފުރަތަމަ ކޯ ތަރިއެވެ. އެހެން ކަމުން ސަލްމާނާއެކު އޮންނަ ގުޅުން ކެރިއަރުގެ ކޮންމެ ހިސާބަކަށް ދިޔަޔަސް ބަދަލު ނުވާނެ ކަމަށް ސޮނާކްޝީ ބުންޏެވެ.

ދަބަންގް ފިލްމަކީ 2010 ވަނަ އަހަރު ފުރަތަމަ ނެރުނު ފިލްމެކެވެ. އޭގެ ދެވަނަ ސީރީޒެއް ވަނީ 2012 ވަނަ އަހަރު ނެރެފައެވެ. އަދި ތިންވަނަ ފިލްމު ރިލީސް ކުރާނީ މިއަހަރު ޑިސެމްބަރުގައެވެ.