މެގްނާ ގުލްޒާރު އުފައްދާ ފިލްމު ޗަޕާކް އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ގަދަޔަށް ވާހަކަ ދެކެވޭ ފިލްމު ތަކުގެ ތެރޭ ހިމެނޭ އެއް ފިލްމެވެ. ޝައްކެއްވެސް ނެތެވެ، ލީޑް ތަރި އަކީ ދީޕިކާ ޕަޑުކޯން އެވެ.
ފިލްމުގެ ސެޓުން ފޮޓޯތައް ލީކް ވަމުން ދާއިރު މިހާރު މިވަނީ ވީޑިއޯވެސް ލީކްވާން ފަށައިފައެވެ.
ލީކް ވެފައިވާ ވީޑިއޯގައި ފެންނަނީ ދީޕިކާ އަދި ފިލްމުގެ ލީޑް ބަތަލު ވިކްރާންތް މަސޭ އެވެ. ރީނދޫ ކުލައިގެ ސަލްވާރު ސޫޓެއްގައި ދީޕިކާ ހުރިއިރު ވިކްރާންތް ހުރީ ވަރަށް ބޮޑަށް ތުނބުޅި ދިގުކޮށްފައެވެ.
ވީޑިއޯ އިން ސީންގެ މާބޮޑު ބައެއް ނުފެނުނު ކަމުގައި ވިއަސް ފެންނަ ތަންކޮޅުން ހީވާ ގޮތުގައި ދެތަރިން ކުރަނީ ކޮންމެވެސް އެއްޗެއް ހޯދުމުގެ މަސައްކަތެވެ.
ފިލްމަކީ އިންޑިއާގެ އެސިޑް އެޓޭކްގެ ޝިކާރައަކަށްވި ލަކްސްމީ އަގަރްވާލުގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ވިކްރާންތް ކުޅެނީ ލަކްސްމީގެ ބޯއީފްރެންޑް އަލޯކް ގެ ރޯލެވެ. އޭނާ އަކީ ސޯޝަލް އެކްޓިވިސްޓެކެވެ.
ދީޕިކާ ފިލްމުގައި ހުންނާނެ ގޮތުގެ ފަސްޓް ލުކް ދައްކާލުމާއެކުވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ފިލްމަށް ލިބިފައެވެ.