ކްލަބު މޯލްޑިވްސް ކަޕް

ނައިބު ރައީސް ކުޅުއްވި ހާއްސަ މެޗަކާއެކު، ކްލަބު މޯލްޑިވްސް ކަޕް ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ކުޅުއްވި ހާއްސަ ފުޓްސަލް މެޗަކާއެކު، ކްލަބު މޯލްޑިވްސް ކަޕް 2019 ފަށައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް މިރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި ފެށިގެންދިޔަ އިރު، މިއަހަރު އެ މުބާރާތަށް ކަނޑައަޅާފައިވާ ޝިއާރަކީ "މުޖުތަމައުގެ ރައްކާތެރިކަން – އެންމެންގެ ޒިންމާއެއް" އެވެ. ކޮންމެ އަހަރަކު ވެސް ކްލަބު މޯލްޑިވްސް އިން މުޖުތަމައަށް ހާއްސަ މެސެޖެއް ދިނުމަށް ޝިއާރެއް ކަނޑައަޅައެވެ.

މިރޭ ކުރިއަށްދިޔަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެހެން މީހެއްގެ އިހުމާލުން މިދިޔަ އަހަރުގެ ރަމަޟާން މަހު ހިނގި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު އުމަރު މަރުޒޫގު އަހްމަދު ސަލީމް (އޮއްތޮ)އެވެ. އެ އެކްސިޑެންޓު ވެގެންދިޔައީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެކްސިޑެންޓަކަށެވެ.

ކްލަބު މޯލްޑިވްސް ކަޕު ފެށުމުގެ ގޮތުން ކުޅުނު ހާއްސަ މެޗުގައި އެއްކޮޅުން ވާދަކުރީ ނައިބު ރައީސް ފައިސަލްގެ ޓީމެވެ. އެ ޓީމުގައި ނައިބު ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޝްއަދު އަލީ (އަޑުބަރޭ) އާއި އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އަދި ރާއްޖޭގެ ބައެއް މަޝްހޫރު ކޯޗުން ވެސް ހިމެނެއެވެ.

ނައިބު ރައީސްގެ ޓީމާ ދެކޮޅަށް ނުކުމެފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ވެޓަރަންސް ޓީމެކެވެ. އޭގެ ތެރޭގައި މޫސާ މަނިކު (ކުޑަ މޫސަ) އާއި އިސްމާއިލް އަނިލްއާއި މުހައްމަދު ހަލީމް (ޖަޑާ) އާއި އަލީ ރަޝީދު (ސިލާޗީ) އަދި އިބްރާހިމް ރަޝީދު (އަންދަރޭ) ފާހަގަކޮށްލެވެއެވެ.

އެ މެޗުގައި ނައިބު ރައީސްގެ ޓީމުގެ މައްޗަށް 7-5ގެ ނަތީޖާއަކުން ކުރި ހޯދީ ވެޓަރަންސް ޓީމުންނެވެ. ނައިބު ރައީސްގެ ޓީމުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަޑުބަރޭ އާއި ބައްސާމެވެ.

އެ މެޗުގައި ނައިބު ރައީސް ފައިސަލްއަށް ވެސް ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ހަމަލާއެއް ފޮނުވާލުމުގެ ކުރިން ވެޓަރަންސް ޓީމުގެ ގޯލްކީޕަރު ވަނީ އެ ބޯޅަ ހޯދައިފައެވެ. އެ މެޗުގައި ވެޓަރަންސް ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފެށުމުގެ ރަސްމިއްޔާތު މިރޭ ކުރިއަށްދިޔަ ނަމަވެސް، އެ މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15 އިން ފެށިގެންނެވެ. އެގޮތުން މާދަމާ ރޭ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ ފިރިހެން ދެ މެޗާއި އަންހެން ދެ މެޗެވެ.

މާދަމާ ރޭ 8:15ގައި އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)އާ ދެކޮޅަށް ސްޓެލްކޯ ނުކުންނަ އިރު، މާދަމާ ރޭ 9:30ގައި ތައުލީމީ ގުޅުމާ ދެކޮޅަށް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ނުކުންނާނެއެވެ.

މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި މާދަމާ ރޭ 8:15ގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެކޮޅަށް ޓީމް ފެނަކަ ނުކުންނަ އިރު، މާދަމާ ރޭ 9:30 ޕޮލިސް ކްލަބާ ދެކޮޅަށް ޓްރޭޑް ކްލަބު ނުކުންނާނެއެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.