ޝަހީދާ އަބްދުﷲ ސައީދު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ދާއިރާއަކުން ވޯޓްލާފައިވާ ހަ ފޮއްޓެއްގެ ސެކިއުރިޓީ އުރަ (ކޯޑް-3) ކަނޑަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ހަ ފޮއްޓެއްގެ ސެކިއުރިޓީ ކޯޑް 3 ކަނޑަން ނިންމީ ދާއިމީ ނަތީޖާ ޝީޓުތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ކަނޑަން ނިންމާފައިވަނީ މާމިގިލީ ދާއިރާގެ ތިން ފޮއްޓަކާއި މާވަށު ދާއިރާގެ ތިން ފޮއްޓެއް ކަމަށް އަކުރަމް ވިދާޅުވިއެވެ.
އަދި މާމިގިލީ ދާއިރާގެ ތިން ފޮށީގެ ބާތިލު ވޯޓް ކައުންޓް ކުރަން ޝަކުވާ ހުށަހެޅި ފަރާތުން އެދިފައިވާތީ، އެދާއިރާގެ ބާތިލު ވޯޓް ކައުންޓްކުރަން މިހާރު ނިންމާފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.