ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމަވެރިކަމެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދަޅުވެއްޖެ އެވެ.
ޝިދާތާ މިހެން ވިދާޅުވީ ''ވޯކްޝޮޕް އޮން އެޑްރެސިންގ ޖެންޑަރ ސްޓެޓިސްޓިކްސް ގެޕްސް'' ހުޅުވުމުގެ ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ވޯކްޝޮޕަކީ ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމުގެ އިތުރުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވަކާލާތު ކުރުން ފަދަ މުހިއްމު މައްސޫލިއްޔަތެއް މަޖިލީހުގެ މެންބަރުން އަދާ ކުރަން ޖެހޭ އިރު މަޖިލީހުގައި އަންހެނުން މަދުވުމުން ގައުމުގެ ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން ކުޑަވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެކި ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލާއިރު ތަފާސް ހިސާބުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭކަމަށެވެ. އެއީ ބައެއް ދާއިރާތަކުގައި މުޖުތަމައު ކުރިއަށް ނުދާ އެއް ސަބަބު ކަމަށް ވެސް ޝިދާތާ ފާހަގަ ކުރެއްވިއެވެ.
އެކި ގޮންޖެހުންތައް ހުރިނަމަވެސް މިންތީގެ ހަމަހަމަކަން ގާއިމް ކުރުމާއެކު، އަންހެނުން ބާރިވެރިކޮށް، ހައިހޫނުކަން ނައްތާލުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ވިޔަފާރިއާއި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.