މިދިޔަ އާދިއްތަ ދުވަހު ރޯވި އއ. މަތިވެރި ކަޒާމިއާ ގެސްޓް ހައުސް ހުސްކުރަން އުޅުމުގެ ތެރޭ އެ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރެއިން ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ 21:45 ހާއިރު ގެސްޓްހައުސްގައި ރޯވެފައިވާ ކަމުގެ ހަބަރު ފުލުހުންނަށް ލިބުމުން އެ ސަރަހައްދަށް ގޮސް ވަނީ ގެސްޓަހައުސް ހުސްކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ގެސްޓް ހައުސްއިން ބަނގުރާ ފުޅިތައް ފެނިފައިވަނީ ގެސްޓް ހައުސް ހުސްކުރުމުގެ ތެރޭ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިބެލުމުން ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އާދިއްތަ ދުވަހުގެ ރޭ މަތިވެރީގައި ރޯވެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާއަށް އިންތިހާބުވި އަބްދުﷲ ޖާބިރު ހިންގަވަމުން އަންނަ ގެސްޓް ހައުސް އެއްގައެވެ. މި މައްސަލައިގައި ޖާބިރު ވަނީ ގެސްޓް ހައުސްގައި ރޯކޮލީ ރަށު ކައުންސިލުން ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކައުންސިލުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް އާންމުކޮށްފައެވެ.