އަނބިކަނބަލުން ދިޔާނާ ސައީދަކީ ހަތަރު ފަސް އަނބިންނާވެސް ނުބައްދަލު އަންހެނެއް ކަމަށް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިޔަށް ދިޔަ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވަކި ވަރަކަށް ވުރެ ތަނަވަސްކަން އިތުރުވުމުން ގިނަ އަނބީން ހޯދުމުގެ މައުޟޫއަށް ޕްރޮގްރާމްގެ ޕްރެސެންޓަރު ވާހަކަދައްކަވަން ފެއްޓެވުމުން ޖާބިރު ވިދާޅުވީ، ދިޔާނާ އަކީ ފަސް އަނބީންނާވެސް ނުބައްދަލު މީހެއް ކަމަށާއި ދިޔާނާއާ ކައިވެނި ބައްލަވައިގެންނެވި ހިސާބުން ހުރިހާ ޖާގައެއް ހުސްވެއްޖެ ކަމަށެވެ.
"ދިޔާނާއާ ހަމައިން އަޅުގަނޑުގެ ހުރިހާ ޖާގައެއް ހުސްވެއްޖެ. އެހެން މީހާކާ އިންނަން ހިތަކަށް ވެސް ނާރާނެ ނޫންތޯ! ތިކަހަލަ ވާހަކަދެއްކީމަ ޖޫރިމަނާވެސް ވާނެ." ޖާބިރު ވިދާޅުވި އެވެ.
ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީއަކީ އޭނާ ޚަރަދުކުރައްވައިގެން އުފެއްދެވި އޭނާގެ ޕާޓީއެއް ކަމަށެވެ. މަޖިލީހުގައި ވެސް މަސައްކަތްކުރައްވާނީ އެމްޑީޕީގެ ޕީޖީ ގުރޫޕު ތެރޭގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާށިދޫ ދާއިރާއަށް ގެންނާނެ ކަމަށް ވިދާޅުވާ ތަރައްގީގެ ވާހަކައާ ގުޅުވައިގެން މީހުން ޖޯކު ޖަހަނީ އެވަރަށް ރޯނުފިލާތީ ކަމަށެވެ. އެހެން ނަމަވެސް އެއީ ޖޯކެއް ނޫން ކަމަށާއި ކާށިދޫ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިފައިވާ ކަމަށެވެ. އަދި މައި ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދެއްވިހާ އަވަހަކަށް ދެން ކުރިޔަށް ކުރާން ހުރި ކަންކަން ވެސް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.