19 ވަނަ ރައްޔިތުން މަޖިލީހުގައި ފުރަތަމަ ކަމަކަށް ކުރުއްވާނެ ކަމަކީ ބައެއް މިނިސްޓަރުންގެ ނޯ ކޮންފިޑަންސް ވޯޓަށް އެހުން ކަމަށް ވިޔަފާރަވެރިޔާ އަދި މަޖިލީހުގެ ކާށިދޫ ދާއިރާއަށް އިންތިހާބުވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވަނީ ބައެއް މިނިސްޓަރުން މަގާމުގެ ނުފޫޒު ބޭނުންކޮށް، އެންޓި ކެމްޕެއިން ކުރިކަމަށް ވިދާޅުވެފައެވެ.
ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ ރިފްއަތުގެ ކެމްޕެއިންގައި މިނިސްޓަރ އޮފް ނެޝެނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗާ އަހުމަދު އަސްލަމް (އަސްލަންޓެ) އޭނާ އާއި ދެކޮޅަށް ކާށިދޫ އަދި ގާފަރަށް ވަޑައިގެން އެންޓި ކެމްޕއެިން ކުރެއްވި ކަމަށް ޖާބިރު ވިވާޅުވިއެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި ކެންޑިޑޭޓަކަށް މޮޅު ހޯދައިދިނުމަށް އެންޓި ކެމްޕެއިން ކުރުމުން މިނިސްޓަރު އަސްލަމް އާއި ދެކޮޅަށް މަޖިލީހުގައި އަސްލަމްގެ ނޯ ކޮންފިޑަންސް ވޯޓަށް އަހާނެކަމަށް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު އޮތް ކެބިނެޓަކީ ކޯލިޝަނުން އެކުގައި ވެރިކަމަށް އައުމުން އެކުލަވާލި ކޯލިޝަންގެ ކެބިނެޓެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. ބޭނުންވަނީ ސަރުކާރުގެ ކެބިނެޓެއް ކަމަށާއި، ރޫޅިފައި އޮތް ކޯލިޝަނެއްގެ ކެބިނެޓެއް ނޫންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އެހެން ކަމުން މަޖިލީހުގައި ފުރަތަމަވެސް ބައެއް ވަޒީރުންގެ އިތުބާރުނެތްކަމުުގެ މައްސަލަ ހުށަހަޅާނެކަމަށް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާ މަޖިލީހުގައި މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ކަމަށެވެ. އޭނާ އަކީ އެމްޑީޕީގެ މެންބަރެއް ކަމަށާއި މަސައްކަތް ކުރާނީ ސަރުކާރާއި އެއްކޮށް ސަރުކާރުގެ ކޯލިޝަން ތެރެއިން ކަމަށް ޖާބިރު ވިދާޅުވިއެވެ.