މަޖިލީހުގެ ރައީސް ކަމުގެ މަގާމަކީ ވަރަށް "ލައިކް"ވާ ކަމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ކަމަށް އާ މަޖިލީހުގެ ކާށީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިޔަށް ދިޔަ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ޓަކައި އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާކުރައްވާނެ ކަމަށެވެ.
"ދެން އެކަމަކު އެކަން އަޅުގަނޑު ކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއްޔާ އެކަނި. އެނޫން ގޮތަކަށް ނުކުރާނަން." ޖާބިރު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް މުހައްމަދު އަސްލަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާފައިވާ މައްސަލައިގައި ޖާބިރު ވިދާޅުވީ އަސްލަމަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އޭނާ އަށް ތާއީދުކުރައްވާ ކަމަށެވެ. އަދި އަސްލަމް ވެސް ޖާބިރަށް ތާއީދުކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ދެން މީގަ އޮންނާނީ ވާދަވެރިކަން އެހެންނޫންތޯ! ގޮތް ނިންމާނީ މެންބަރުން. އަޅުގަނޑު އަސްލަމާވެސް މަޝްވަރާ ކުރާނަން. ރައީސް ނަޝީދާވެސް މަޝްވަރާ ކުރާނަން. އަޅުގަނޑު ކުރިމަތިލައިފި ނަމަ އެކަން ކާމިޔާބުކުރާނަން. އެކަމާ ވިސްނަމުން މިދަނީ." ޖާބިރު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވި އިރު އޭނާ އަކީ ރައީސް ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އެވެ. އަދި ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އެވެ. ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރައީސް ކަމަށް ތާއީދުކުރައްވަނީ އަސްލަމަށް ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީގެ މަޖިލިސް ކެމްޕޭން ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވަނީ މަޖިލީހުގެ ރައީސް ކަމަށް އީވާ އަބްދުﷲ އަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް އެހެން ބޭފުޅުން ވަނީ އެ މަގާމަށް އެންމެ ރަނގަޅު ބޭފުޅަކީ ހިސާން ހުސެއިން ކަމަށް ވެސް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި މި ވަގުތު ހުންނެވީ ކޯލިޝަން ޕާޓްނަރު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ. ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމުގައި ވެސް ތިބެން ޖެހޭނީ އެމްޑީޕީގެ މެންބަރުން ކަމަށް ވިދާޅުވެފަ އެވެ.