ބޮލީވުޑް

ބޮލީވުޑްގައި އަންހެނުންނާ މެދު ދެކޭގޮތް ގޮތް ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައި

ބޮލީވުޑްގައި އަންހެނުންނާ މެދު ދެކޭގޮތް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އިންޑިއާގެ ސުޕަސްޓާ ޝާޚް ރުޚް ޚާން ބުނެފި އެވެ.

ޝާޚު މިހެން ބުނެފައި ވަނީ ލަންޑަނުގެ ޔުނިވަސިޓީ އޮފް ލޯ އިން ދިން ހޮނަރަރީ ޑޮކްޓަރޭޓް ސެޓްފިކެޓެއް ލިބިގަތުމަށް ލަންޑަނަށް ދާދި ފަހުން ކުރި ދަތުރެއްގެ ތެރޭގައި ބީބީސީ އޭޝިއަން ނެޓްވޯކަށް ދިން އިންޓަވިއުއެއްގަ އެވެ.

ޝާޚު ބުނީ ފާއިތުވި އަހަރު ތަކުގެ ތެރޭގައި ބޮލީވުޑްގައި އަންހެނުންނާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި އެ ކަނބަލުންނަށް ލިބެން ޖެހޭ ހައްގު މަގާމު މިހާރު ލިބެމުން އަންނަ ކަމަށެވެ.

ޝާޚު ބުނީ މަސައްކަތުގެ މާހައުލުގައި ވެސް އަންހެނުންނާ މެދު ދެކޭ ގޮތަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އަބަދުވެސް އޭގެން ކަމު ނުދާ ކަންކަމާއި ރަނގަޅު ކަންކަން ފެންނާނެ ކަމަށެވެ.

"ނަވާރަ ސަތޭކައިގެ އަހަރުތަކުގައި އަޅުގަނޑުމެންގެ ތެރޭގައި އެކްޓްރެސްއަކު މީހަކު އިނދެފި ނަމަ އެމީހަކު އެނބުރި އިންޑަސްޓްރީއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ. އެކަމަކު މިއަދު މި ފެންނަނީ މީހުންނާ އިނދެގެން ތިބި ކުދީން ވެސް އިންޑަސްޓްރީގައި ލީޑް ކުރާތަން. އެއީ ވަރަށް އުފާވެރި މަންޒަރެއް." ޝާޚު ބުންޏެވެ.