ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019 ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި ހުޅުމާލޭ ފުޓްސަލް ދަނޑުގައެވެ.
އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15 އިން ފެށިގެންނެވެ. އެގޮތުން މާދަމާރޭ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ ފިރިހެން ދެ މެޗާއި އަންހެން ދެ މެޗެވެ.
މާދަމާ ރޭ 8:15ގައި އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)އާ ދެކޮޅަށް ސްޓެލްކޯ ނުކުންނަ އިރު، މާދަމާ ރޭ 9:30ގައި ތައުލީމީ ގުޅުމާ ދެކޮޅަށް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ނުކުންނާނެއެވެ.
މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި މާދަމާ ރޭ 8:15ގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެކޮޅަށް ޓީމް ފެނަކަ ނުކުންނަ އިރު، މާދަމާ ރޭ 9:30 ޕޮލިސް ކްލަބާ ދެކޮޅަށް ޓްރޭޑް ކްލަބު ނުކުންނާނެއެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.