ބޮލީވުޑް

ކުރީގެ ބޯއީފްރެންޑް އަންގައިގެން ގޯއެއާގެ ފްލައިޓަކަށް ޕްރީތީޒިންތާ ނޭރުވި ކަމަށް ބުނާ ވާހަކަތަކެއް

ގޯ އެއާގެ ފްލައިޓަކަށް ބޮލީވުުގެ މަޝްހޫރު ތަރި ޕްރީތީ ޒިންތާ ނޭރުވި ކަމަށް ބުނާ ވާހަކަތަކެއް އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޯ އެއާގެ މަތިންދާބޯޓަށް ޕްރީތީ ނޭރުވީ އެ އެއާލައިންގެ އޯނަރު، ނެސް ވާޑިއާގެ އޯޑަރަކަށެވެ. ނެސް ވާޑިއާއަކީ ޕްރީތީގެ ކުރީގެ ލޯބިވެރިޔާއެވެ.

މި މައްސަލައާ ގުޅިގެން ގޯ އެއާއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޕްރީތީ ފުރަން ދިއުމުން ބޯޓަށް ބޯޑު ނުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައި ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. އަދި އެކަން ކުރި މީޑިއާތަކުން މާފަށް އެދުމަށް ވެސް އެ ބަޔާނުގައި ވަނީ އެދިފަ އެވެ.

ގޯ އެއާގެ ބަޔާނުގައި އިތުރަށް ބުނީ މިދިޔަ މާޗު މަހުގެ 30 ވީ ހޮނިހިރު ދުވަހު ޕްރީތީ ޒިންތާ ފުރަން އެއާޕޯޓަށް ދިއުމުން އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި އޭނާ ބޮމްބޭ އިން ޗާންދިގަރަށް ފުރާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެނބުރި ބޮމްބޭއަށް ދޭއް މާޗުގައި އައުމަށް ރިޒަވޭޝަން ހަދާފައި އޮތް ނަމަވެސް އެދުވަހު ޕްރިތީގެ ޚަބަރެއް ވެފައި ނުވާކަމަށް ގޯ އެއާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގޯ އެއާގެ އޯނަރު ވާޑިިއާ އާއި ޕްރީތީ އެމީހުންގެ ލޯބީގެ ގުޅުން ރަސްމީކޮށް އިއުލާނުކުރީ 2005 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު ވަނީ އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފަ އެވެ. އަދި ޕްރީތީ ވަނީ ވާޑިއާއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި ވާޑިއާ ވަނީ އޭނާއަށް ޖިންސީ ފުރައްސާރަކޮށް ބިރުދައްކައި އަނިޔާވެސް ކޮށްފަ އެވެ.