މުހައްމަދު އައުޒަމް
މިނިވަން ތަހުގީގަކަށް ކުރިމަތިލެއްވުމަށް ރައީސް ޔާމީނަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެ.
ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ޔާމީން ގައުމު ދޫކުރައްވައި ވަޑައިގަންނަވަނީ ކީއްވެތޯ ސުވާލު އަފައްދަވައިފައެވެ.
"ނުދެކޭ ވަރުގެ ކޮރަޕްޝަން، މުޅި ގައުމުގެ ގިނަ ބަޔަކަށް އަނިޔާ، ދައުލަތް ބަނގުރޫޓުކޮށް، މަޖިލިސް އަދި ކޯޓުތަކަށް އަރައިގަނެ ބޮޑެތި ޖަރީމާތައް. ގައުމު ދޫކުރައްވައި ތިޔަ ފުރާވަޑައިގަންނަވަން އުޅުއްވަނީ ކީއްވެޔޯ؟ ގަޓުކޮށް މިނިވަން ތަހުގީގަކަށް ކުރިމަތިލައްވާ ރައީސް ޔާމީން،" ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ނައިބު ރައީސް ކަމުގެ މަގާމުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދުރުކުރުމުގެ ދުވަސްކޮޅެއް ކުރިން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު ޑރ. ޖަމީލް އެނބުރި ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ހަވަނަ ދުވަހުއެވެ. އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ޖަމީލް ހޯދުމަށް ފުލުހުން އިއުލާންކޮށް، އޭނާގެ ޕާސްޕޯޓު ވެސް ކެންސަލްކޮށްފައިވެއެވެ.