އަލަށް އިންތިހާބުކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވައި ކުރައްވާނެ ދުވަހަކީ އަންނަ މެއި މަހުގެ 28 ވަނަ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.
އާ މެންބަރުން ހުވައި ކުރައްވާނީ މެއި 28ގައި ކަން ހާމަ ކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު މީޑިއާ ހަސަން ޒިއާއުއެވެ.
ހަސަން ޒިއާއު މިއަދު އެހެން ވިދާޅުވެފައިވާއިރު، ނިމެމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިމަހު 15ގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ.
އެ ޖަލްސާގެ އެޖެންޑާ އަދި އާންމު ކޮށްފައި ނުވި ނަމަވެސް ހަސަން ޒިއާއު ވިދާޅުވީ، މިމަހު 15 ވާ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމެވީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕާލަމެންޓް ގްރޫޕްތަކުގެ ލީޑަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ.