އިބްރާހިމް ޒަކީ
މިހަހު 15 ގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު މީޑިއާ ހަސަަން ޒިއާއު ދެންމެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕާލަމެންޓް ގްރޫޕްތަކުގެ ލީޑަރުންގެ މަޝްވަރާގެ މަތިން މިމަހު 15ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް އެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ހަމަޖެހިފައިވަނީ ކޮން ކަންތައްތަކެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ. މިއީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖައްސާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްް ބާއްވަން ނިންމަވާފައި މިވަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށެވެ. މިހާރު ކުރިއަށް މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މަހުގެ 28 ވަނަ ދުވަހު ހަމަވާނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިންތިހާބު ކުރި އާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަންނަމަހުގެ ތެރޭގައި މެންބަރު ކަމުގެ ހުވައި ކުރައްވާނެއެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ނިމެމުންމިދާ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންތަކަކަށް ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ.