މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށްދިޔައިރު 21 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިވަނީ މަޖިލިސް އިންތިހާބުގެ 40 ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ 21 ޝަކުވާގެތެރެއިން 15 ޝަކުވާއަކީ ރީ ރެޖިސްޓްރޭޝަން ދާއިރާގައި ރަޖިސްޓްރީއާ ގުޅޭގޮތުން ހުރި މައްސަލަ ކަމަށެވެ.
ވޯޓުލާ މަރުކަޒުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ހަތަރު ޝަކުވާއަކާއި ރިޝްވަތުގެ ދެ ޝަކުވާއެއްވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ އިންތިހާބަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ނިސްބަތުން އެންމެ ގިނަ ބަޔަކު ވޯޓުލާފައިވާ ފަހަރެވެ. އެގޮތުން މިއަހަރުގެ އިންތިހާބުގައި 212،079 މީހުން ވޯޓުލާފައި ވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 264،442 މީހުންގެ 80 ޕަސެންޓެވެ.
އެންމެ ފަހުން ބޭއްވި 2014 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓުލާފައިވަނީ 77.3 ޕަސެންޓް މީހުންނެވެ.