ގދ.ތިނަދޫ، ތޭންކް، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ގދ.ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ސާބިތު ނުވުމާ ގުޅިގެން ފާހަގަކުރެވުނު ކަންކަމާގުޅޭ އިސްތިއުނާފު މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކޯޓަށް ހުށަހަޅައިފި އެވެ.
އިބްރާހީމް ޝާހުގެ މައްޗައް އުފުލި ހަތަރު ދައުވާ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ގިނަ ހެކިތަކަށް ރިއާޔަތް ނުކޮށްކަމަށްބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މިދިޔަ މަހު ބުނެފައެވެ.
ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ޒިޔާދާ ނިޔާވުމާ ގުޅިގެން ޕީޖީން ޒިޔާދާގެ ފިރިމީހާގެ މައްޗަށް އުފުލި ހަތަރު ދައުވާވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ދެހާސްސޯޅަ ވަނަ އަހަރުގެ އޮގަސްޓް މަހު، ޝަރީއަތްފެށި މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ މަހުގެ 25ގައެވެ.
ޒިޔާދާގެ ފިރިމީހާ، ޝާހުގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައި ވަނީ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ހަތަރު ދައުވާގެ ތެރެއިން ރޭޕްކުރުމުގެ ދައުވާ، ޝާހުގެ މައްޗަށް ކޮށްފައިވަނީ ޒިޔާދާގެ ރުހުމަކާ ނުލައި ގަދަކަމުން އޭނާއާ ޖިންސީ ގުޅުން ހިންގުމުންނެވެ. އެގޮތުން މި ކަމުގެ ހެއްކަކަށް ދައުލަތުގެ ފަރާތުން ވަނީ ޒިޔާދާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި މީހުންގެ ހެކިބަހާއި މެޑިކަލް ލިޔުންތަކުގެ އިތުރުން، ޒިޔާދާގެ ފޯނު ފުލުހުންގެ ފޮރިންސިކް ލެބޯޓްރީން އެނަލައިޒްކޮށް ތައްޔާރުކުރި މޯބައިލް ފޮރިންސިކް ރިޕޯޓެއް ހުށަހަޅައިފައެވެ.
ޒިޔާދާގެ ފޯނުގައި އެ ހާދިސާއާ ގުޅޭ މައުލޫމަތު މީހުންނާ ހިއްސާކޮށްފައިހުރި ކަމަށް ޕީޖީން ބުނެއެވެ. މީގެ އިތުރުން ޒިޔާދާގެ ވާހަކަތައް ކިޔައިދީފައި ހުރި މީހުންގެ ހެކި ބަސް ދައުލަތުގެ ފަރާތުން ހުށަހެޅިކަމަށް ވެސް ޕީޖީން ބުންޏެވެ. ނަމަވެސް ދައުވާގެ ހުކުމް އިއްވެވި އިރު ޝަރީއަތުގައި މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ނުދެކޭކަމަށް ޕީޖީގެ އޮފީހުން ވަނީ ބުނެފައެވެ.